ސްޕެނިޝް ލަލީގާ

ބާސާ އާއި ރެއާލްގެ އެލް ކްލެސިކޯ މެޗު އެއްވަރު

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސްޕެއިންގެ ދެ ވާދަވެރިން ބައްދަލުކުރި "އެލް ކްލެސިކޯ" މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރޭގެ މެޗު ކުޅުނީ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ވެސް ތަނަވަސްކުރީ ރެއާލުންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އިސްކޯ ދިން ބޯޅައަކުން ކަރިމް ބެންޒެމާ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ރެއާލަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާ، ބާސާ ގޯލުގެ ލައިން މަތިން ދިފާއުކުރީ ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ރެއާލަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރެއާލްގެ ފްރާންސް ފޯވަޑް ބެންޒެމާ ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ރެއާލްގެ މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ބާސާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ބާސާއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ސްޕެއިން ޑިފެންޑަރު ޔޯޑީ އަލްބާއަށެވެ. މެޗުގެ 41 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ދިން ރީތި ބޯޅަ ހޯދުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އަލްބާ ފޮނުވާލި ހަމަލާ ދިޔައީ ރެއާލްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ރެއާލަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާ، ބާސާގެ ކީޕަރު ސްޓެގަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ބާސާއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފްރޭންކް ޑި ޔޮންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުއިސް ސުއަރޭޒް ނުރައްކާކުރުމުގެ ކުރިން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ދިފާއުކުރި އިރު، ގްރީޒްމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ރާމޯސް ވަނީ ހުރަސް އަޅައިފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ރެއާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވަލްވާޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގެރެތު ބޭލް ފޮނުވާލި ހަމަލާ ބާސާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ލީޑު ހޯދުމަށް ބާސާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ރީތި ކުޅުމަކަށްފަހު ސުއަރޭޒް ދިން ބޯޅައަކުން ޑި ޔޮންގް ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފައެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ރެއާލްގެ ވޭލްސް ފޯވަޑް ބޭލް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ބެލުމަށްފަހު ރެފްރީ ނިންމީ ބޭލްއަށް ބޯޅަ ދިން ފާލޭންޑް މެންޑީ އޮފްސައިޑުގައި ހުރި ކަމަށެވެ.

އެލް ކްލެސިކޯގެ ތާރީހަށް ބަލައިލާ އިރު، ބާސާ އާއި ރެއާލް ވަނީ އެކި މުބާރާތްތަކުގައި 243 ފަހަރު ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 96 މެޗުން ބާސާ މޮޅުވި އިރު، ރެއާލް މޮޅުވެފައިވަނީ 95 މެޗުންނެވެ. އަދި ރޭގެ މެޗަކާއެކު ޖުމްލަ 52 މެޗެއް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު ލަލީގާގެ ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލު އައިސްފައެއް ނުވެއެވެ. އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް، އެ ދެ ޓީމަށް ވެސް 17 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.