މޯލްޑިވިއަން

މޯލްޑިވިއަން އިން ހުވަދޫ-އައްޑޫއަށް ކޮޅަކަށް 555 ރުފިޔާ، ހަފްތާއަކު ހަ ދަތުރު

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަވަދު އަތޮޅާއި އައްޑޫ ސިޓީއާ ދެމެދު ކުރާ ދަތުރު ޝެޑިއުލް ނެރެ، ދަތުރުގެ އަގުތައް ކަނޑައަޅައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހަވަދު އަތޮޅާއި އައްޑޫއާ ދެމެދު މީގެ ކުރިން ދޭތެރެ ދޭތެރެއިން ދަތުރުތައް ކުރި ނަމަވެސް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ހުވަދު އަތޮޅާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުތައް ކުރިން. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް މިވަނީ ފެށިފައި. ނަމަވެސް ރަސްމީކޮށް ޝެޑިއުލް ނެރެ، އަގުތަކާއެކު ދަތުރުތައް މިފެށީ މިއަދު،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ހުވަދު އަތޮޅާއި އައްޑޫއާ ދެމެދު ހަފްތާއަކު ޖުމްލަ ހަ ދަތުރުކުރާނެ ކަމަށެވެ. އެއީ އައްޑޫ އާއި ކޫއްޑޫއާ ދެމެދު ހަފްތާއަކު ތިން ދަތުރު އަދި އައްޑޫ އާއި ކާޑެއްދޫއާ ދެމެދު ހަފްތާއަކު ތިން ދަތުރެވެ. ފެއާގައި އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 555 ރުފިޔާއަށެވެ.