ފީޗާރޑް

އެމްޓީސީސީ: ރައްޔިތުންގެ ކުންފުނި، ރައްޔިތުންގެ ހިދުމަތުގައި 39 އަހަރު

އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރުއެވެ. އެއީ މީގެ 39 އަހަރު ކުރިއެވެ. ރާއްޖެ މިއަދު ދެކެމުން އަންނަ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެށިގެންދިޔަ ދުވަސްވަރަކީ ވެސް އެއީއެވެ.

ސްޕީޑުބޯޓު ފަހަރާއި ޓަގާއި ބާޖު ކުއްޔަށް ނަގައިގެން ކުންފުނީގެ މަސައްކަތް އޭރު ފެށި ނަމަވެސް މިއަދު އެމްޓީސީސީ އަކީ ކޮންސްޓުރަކްޝަނާއި ދަތުރުފަތުރުގެ ހިދުމަތުން ފެށިގެން ބިން ހިއްކުމާއި ފަޅު ފުންކުރުމާއި އިންޖިނިއަރިން އަދި ލޮޖިސްޓިކް ހިދުމަތުގައި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން ކުންފުންޏެވެ. އެ ދާއިރާތަކަށް ބަލާ އިރު ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުންޏެވެ. ބިން ހިއްކުމަށް ބަލާ އިރު މި ސަރަހައްދުގެ އެންމެ ބޮޑު ޑްރެޖަރު، މަހާޖައްރާފު ވެސް އޮތީ އެމްޓީސީސީގަ އެވެ.

ގައުމުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ

ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިވީ ދިގު މާޒީގައި އެމްޓީސީސީ ވަނީ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަ ލުއިތަކެއް ގެނެސްދީފައެވެ. މިއަދު އެ ކުންފުންޏަކީ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ހިއްސާދާރެވެ.

އެގޮތުން ކުންފުނީގެ ޅަފަތުގައި ވެހިކަލް ކުއްޔަށް ދޫކުރުމާއި ސަރުކާރުގެ ދެ ޕްރޮޖެކްޓަކުން އިމާރާތްކުރުމުގެ ދާއިރާއަށް ވަދެފައިވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި އެމްޓީސީސީން ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތާއި ޝީޓް ޕައިލިން އާއި ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ތަކެއް ވެސް ކޮށްފައެވެ.

އޭގެ އިތުރުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ މަސައްކަތް ކުރަން ފަށައި އުފެއްދުންތެރި ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފު ކޮށްގެން އެކުންފުނިން ވަނީ ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތް ވެސް މިދިޔަ ދުވަސްތަކުގައި ވަދެފަ އެވެ. މިގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާއި އާ ޓެކްނޮލޮޖީ އާއި ހުނަރު ތައާރަފުކޮށް، ގޮންޖެހުންތައް ގިރާކޮށްގެން ވެސް އެކުންފުނިން އަންނަނީ އުމްރާނީ ތަރައްގީގެ އެތައް މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ނިންމައި، މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ކާމިޔާބުކަމާ އެކު ހިންގަމުންނެވެ.

މި އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ގިނަ އަތޮޅުތަކެއްގައި އެ ކުންފުނިން ގިނަ މަޝްރޫއު އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުތައް އިމާރާތް ކުރުމާއި ފުޓްބޯޅަ ދަނޑުތައް ހަދައިދިނުމާއި ބިން ހިއްކުމާއި ގޮނޑުދޮށްތައް ހިމާޔަތް ކުރުން ފަދަ ބޮޑެތި ޕްރޮޖެކްޓުތަކުން ރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ދުވެއްޔަށް އެމްޓީސީސީން ވަނީ ހަލުވިކަމެއް ގެނެސްދީފައެވެ.

ދަތުރުފަތުރުގެ ހިދުމަތުން ރާއްޖެ ގުޅުވާލަދިން އިންޖީނު

މީގެ 18 އަހަރު ކުރިން، 2001 ވަނަ އަހަރު މާލެ ވިލިނގިލި ފެރީގެ ހިދުމަތާއެކު ދަތުރުފަތުރުގެ ހިދުމަތް ފެށި އެމްޓީސީސީ އަކީ މިއަދު މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވައިލަދިން ހިދުމަތްތެރިޔާއެވެ.

ރާއްޖޭގެ އާބާދީގެ 85 ޕަސެންޓަށް އެކުންފުނީގެ ޓްރާންސްޕޯޓް ވިއުގައިގެ ތެރެއިން ފަސިންޖަރުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭއިރު، އެ ނިޒާމުގައި އަހަރަކު އެތައް މިލިއަން މީހުނެއް ދަތުރުކުރާ ކަމީ އެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދައްކުވައިދޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭއިރު، ސުކޫލް ދަރިވަރުންނަށް ފެރީގެ ހިދުމަތް ހިލޭ ބޭނުން ކުރެވެއެވެ.

ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީން ރައްޔިތުންނަށް ފޯރުކޮށްދެނީ، ސަރުކާރުން އެކުންފުންޏަށް ދެމުންދިޔަ ސަބްސިޑީ 2016 ވަނަ އަހަރު ކަނޑާލުމުން އެކުންފުންޏަށް ޕަބްލިކް ޓްރާންސްޕޯޓުން ލިބެމުންދާ ބޮޑެތި މާލީ ގެއްލުންތަކާވެސް އެކުއެވެ. މީގެން ސާބިތުކޮށްދެނީ ރައްޔިތުންގެ ކުންފުނި، ރައްޔިތުންގެ ހިދުމަތުގައި ދެމި އޮންނާނެ ކަމެވެ.

އޮޑިވެރިންނާއި މަސްވެރިންގެ އެކުވެރިޔާ

އުމްރާނީ ތަރައްގީގެ އިތުރުން އެމްޓީސީސީއަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން އޮޑިވެރިންނާއި މަސްވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާއި ހަކަތައިގެ ދާއިރާގައި ވެސް އާންމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން އެމްޓީސީސީން ވަނީ އެ ސިނާއަތްތަކުގެ ބައިވެރިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ބުރޭންޑުތައް ރާއްޖެއަށް ތައާރަފްކޮށްދީ، އެ ސިނާއަތްތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެމްޓީސީސީގެ ވަރަށް ޅަފަތުގައި ދުނިޔޭގެ މަޝްހޫރު ޔަންމާ ޕްރޮޑަކްޓުތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް، ހުޅުވި ރީޖަނަލް ޔަންމާ ސާވިސް ސެންޓަރާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އޮޑިވެރިންނާއި މަސްވެރިކަމުގައި ބޭނުންކުރާ ދޯނިފަހަރަށް ލިބުނު ފަސޭހަ މިއަދު އެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން ގަބޫލުކުރަނީ ޝުކުރުވެރިކަމާއެކުއެވެ.

ނަތީޖާއަކަށްވީ ރާއްޖޭގައި ބޮޑެތި ވިޔަފާރިތައް ހުޅުވި ވާދަވެރިކަން އިތުރުވި ނަމަވެސް އޮޑިވެރިންނާއި މަސްވެރިން ކުރި އިތުބާރު ދަމަހެއްޓައި، އެ ސިނާއަތްތައް ދިރުވާ ކުރިއެރުވުމަށް ދުނިޔޭގެ މަޝްހޫރު އިތުރު ބުރޭންޑުތަކެއް އެމްޓީސީސީން ރާއްޖެއަށް ތައާރަފު ކުރުމެވެ.

އޭގެ ތެރޭގައި ކާސްޓްރޯލް އަޑީ ތެލާއި ސުޒުކީ އައުޓްބޯޑު އިންޖީނާއި ޖަނަރޭޓަރާއި މުޅި ދުނިޔޭގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު އެއް ދަވާދު، ސިގްމާގެ މެރިން ކޯޓިންގްސްގެ އިތުރުން މާރޯލް ހުންގާނު ސިސްޓަމާއި ސްކޮޓް ބާޑާ ފައިބަރު ސާމާނު ހިމެނެއެވެ.

ޔަންމާ އިންޖީނަށް ބަލާ އިރު އެއީ ދިވެހި މަސްވެރީން އެންމެ އިތުބާރު ކުރާ އިންޖީނެވެ. ޔަންމާ އިންޖީނަކާ ނުލައި މަސްދޯނި ފުރިހަމަ ނުވާކަމަށް ގަބޫލުކުރާ މަސްވެރީން ގިނަ އެވެ.

މުޖުތަމައުގެ ކުރިއެރުމަށް ވެސް ނަމޫނާއެއް

އުމްރާނީ ތަރައްގީ އާއި ސިނާއަތްތަކުގެ އެހީތެރިއެއްގެ އިތުރުން އެމްޓީސީސީއަކީ މުޖުތަމައުއަށް ވެސް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ. އޭގެ ހެއްކަކީ އެމްޓީސީސީން މިއަދު ފާހަގަކުރާ އަހަރީ ދުވަހާއި ގުޅުވައިގެން ވެސް އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުން މޯލްޑިވްސް ބުލަޑް ސާވިސްއަށް ލޭ ހަދިޔާކޮށްފައި ވުމެވެ.

ރަށެއްގައި ކުރުމަށް ހަވާލުކުރާ މަޝްރޫއެއްގެ އިތުރުން އަމިއްލަ އިސްނެގުމަށް ވެސް ރަށްރަށުގެ ދަނޑާއި މަގުތައް އެއްވަރުކޮށްދީ، ގަސް އިންދުމާއި، ގިރާ ސަރަހައްދުތަކަށް ވެލި އަޅައިދީ ކުޅިވަރު މުބާރާތްތައް ބާއްވައިދިނުން ފަދަ އިޖުތިމާއީ ކަންކަމުގައި ވެސް ބޮޑު އެހީތެރިކަމެއް އެކުންފުނިން ވެދެއެވެ. އަދި އެފަދަ އިޖުތިމާއީ ގިނަ ހަރަކާތްތަކެއް އެކުންފުނިން އަމިއްލައަށް ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން އަންނައިރު، ސަރުކާރުގެ އެކި ވުޒާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ސުކޫލުތަކުން ހިންގާ އިޖުތިމާއީ ގިނަ ހަރަކާތްތަކުގައި ވެސް އެންމެ އަވަހަށް އިސްނަގައި އެކަމެއްގައި ކުރިއަށްދާ އެއް ކުންފުންޏަކީ އެމްޓީސީސީ އާއި އެކުންފުނީގެ މުވައްޒަފުންނެވެ.

އެހެންކަމުން އުމްރާނީ ތަރައްގީ އާއި ސިނާއަތްތަކުގެ ކުރިއެރުމާއި އާންމުންގެ ލުއިފަސޭހަކަން އަދި ރަނގަޅު މުޖުތަމައެއް ބިނާކޮށް އެމްޓީސީސީން ދައްކަމުން އަންނަ ނަމޫނާއަކީ ދިވެހިން ބަލައިގަންނަ ޝުކުރު ހައްގު މަސައްކަތެކެވެ. ސާބިތުކޮށްދެމުން އަންނަނީ އެއީ ރައްޔިތުންގެ ކުންފުނި ކަމެވެ.