ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ހަރަކާތުގެ ދަށުން ބ. ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި އެވެ.
މިއަހަރު ދެވަނަ ކުއާޓަރުގައި ބީއެމްއެލް އަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައެވެ. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމު ކުރުމަށް ހުށަހެޅި ޕްރޮޕޯސަލަކީ މި ފަސް ޕްރޮޖެކްޓުގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
ބީއެމްއެލް އިން ބުނީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީގެ ވިޝަންއާއެކު އެރަށުގައި ރަނގަޅު ފެންވަރެއްގެ ކުޑަކުދިންގެ ޕާކެއް ގާއިމު ކުރުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި ޕާކު ތަރައްގީކޮށްފައިވަނީ ކުޑަކުދިން ކުޅުމާއި ސަކަރާތުގައި ހެލިފެލިވެ އުޅުމުގެ ފުރުސަތު ލިބި، ހިތްފަސޭހަ މާހައުލެއްގައި އުމުރުފުރައިގެ އެހެން ކުދިންނާއެކު ގެއިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން ވަނީ މި ޕާކަކީ ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މަސައްކަތްކޮށްފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ޕާކުގައި "ސެލްފް ޕަވާޑް" ސޯލާ ލައިޓު ހަރުކޮށްފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުން ނުކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ކިހާދޫ ކުޑަކުދިންގެ ޕާކަކީ ވީހާވެސް ތިމާވެއްޓާއި ރަހުމަތްތެރި ތަނަކަށް ހެދުމަށް ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ފާހަގަ ކުރިއެވެ.
މި ޕާކަކީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލުން ގުޅިގެން މަސައްކަތް ކުރަން ފެށި ޕްރޮޖެކްޓެއް ކަމަށް ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ ގެ ފަރާތުން އިބްރާހިމް ވަސީމް ވިދާޅުވިއެވެ. އަދި ކިހާދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމުމަށް އެކި ފަރާތްތަކުގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވަސީމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް މާލީ ދަތިތަކުގެ ސަބަބުން ޕާކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވި ކަމަށާއި، އެންމެ ފަހުން ޕާކު ހުޅުވިގެން މިދިޔައީ ބީއެމްއެލްގެ އެހީތެރިކަމާއެކުކަން ވަސީމް ފާހަގަ ކުރިއެވެ. މި މަސައްކަތަކީ ރަށުގެ ކުޑަކުދިންގެ ދުޅަހެޔޮކަމާއި ގުޅިފައިވާ މަސައްކަތެއް ކަމަށް ވަސީމް ވިދާޅުވިއެވެ.
ބީއެމްއެލްގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''އަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި ފަންޑެކެވެ. އެގޮތުން ހުށަހަޅާ ޕްރޮޖެކްތަކުގެ ތެރެއިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހިމެނޭ ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން 50،000 ރުފިޔާ ދެއެވެ.