ސްޕެނިޝް ލަލީގާ

ފަހުވަގުތު ބެންޒެމާ ޖެހި ލަނޑާއެކު ވެލެންސިއާ އަތުން ރެއާލް ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި ފަހުވަގުތު ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ޖެހި ލަނޑާއެކު ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ސަލާމަތްވެއްޖެއެވެ.

ލަލީގާގައި ރޭ ވެލެންސިއާ އާއި ރެއާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ވެލެންސިއާގެ ދަނޑުގައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ރެއާލަށެވެ. މެޗުގެ 14 ވަނަ މިނެޓުގައި ނާޗޯ ނަގައިދިން ހުރަހަކުން ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ވެލެންސިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވި، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑެނިއަލް ވާސް ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ކާލޮސް ސޮލާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސޮލާއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގެރެތު ބޭލް ނަގައިދިން ކޯނަރަކުން ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުވާ ބޮލުން ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު ޖައޫމް ޑޮމިނިކް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ވެލެންސިއާ އަތުން ސަލާމަތްވި ނަމަވެސް، ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ރެއާލަށް ވަނީ ގެއްލިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް، އެ ދެ ޓީމަށް ވެސް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 17 މެޗުން 31 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ގެޓާފޭއަށް 17 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. އަދި ރޭ ރެއާލްއާ ދެކޮޅަށް ނުކުތް ވެލެންސިއާ އޮތީ ކުޅުނު 17 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.