ހުސެއިން ޝަމީމް

އަޅުގަނޑުގެ މަސައްކަތް ބައްޓަންކުރާނީ މީހުން ޖަލަށް ލުމުގެ މައްޗަކަށް ނޫން: ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ މީހުން ޖަލަށް ލުން ނޫން ކަމަށާއި މައިގަނޑު މަސައްކަތަކީ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދިނުން ކަމަށް ދާދި ފަހުން ޕީޖީ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އޭނާ ކުރައްވާނެ ކަމަށާއި އެކަން ކުރުމަށް ބަންދުކުރަން ނުވަތަ ދައުވާކުރަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަސައްކަތަކީ މީހުން ޖަލަށް ލުމެއް ނޫން. މީހުން ބަންދުކުރުމެއް ނޫން. ޕްރޮސެކިއުޓާ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ އަމާން މާހައުލެއް، އަމާން ވެއްޓެއް ގާއިމުކޮށްދިނުން. އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުން. އެކަން ކުރަން މީހުން ބަންދުކުރަން ޖެހެންޏާ، އެކަން ކުރަންވީ. އެކަން ކުރުމަށްޓަކައި މީހުންގެ މައްޗަށް ދައުވާ ކުރަން ޖެހެންޏާ، އެކަން ވެސް ކުރަންވީ. އަޅުގަނޑުގެ މަސައްކަތް ބައްޓަން ކުރާނީ މީހުން ޖަލަށް ލުމުގެ މައްޗަކަށް ނޫން. އެނޫން ގޮތްގޮތަށް ވެސް އަދުލުވެރިކަމާއެކު، އިންސާފުވެރިކަމާއެކު މީހުންނާ ދޭތެރޭ ކަންތައް ކުރުމާއި، އަދި މި ދަންނަވާ ކަހަލަ އަދުލުވެރި އަމާން މާހައުލެއް ގާއިމުކޮށްދިނުން. އެކަންތައް ކުރުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ސުޕަވައިޒަރީ ރޯލުތަކެއް ޕްރޮސެކިއުޓާ ޖެނެރަލާ މަތިކުރެވިފައި އެބައޮތް ކަމަށާއި ކޯޓަށް ދާން ނުޖެހޭ މައްސަލަތައް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ މުހިންމު އެއް މުއައްސަސާ. ޕްރޮސެކިއުޓާ ޖެނެރަލް މި ކަނޑައަޅުއްވަން ޖެހެނީ ޖިނާއީ ތަހުގީގުތައް ހިނގާ ނިމުނީމާ، މި މައްސަލައަކީ ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ އެންމެ ފުރަތަމަ މަރުހަލާގައި މި ކަނޑައަޅުއްވަނީ ޕްރޮސެކިއުޓާ ޖެނެރަލް. ފުލުހުން ހިންގާ ތަހުގީގުތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ބަންދުގައި ތިބޭ މީހުން ބަންދުގައި މިތިބީ ރަނގަޅަށްތޯ ބެލުމާއި، މިހެން ގޮސް މައިގަނޑު ވަރަށް އަސާސީ، ޖިނާއީ އަދުލުގެ ނިޒާމުގެ ސުޕަވައިޒަރީ ރޯލުތަކެއް ޕްރޮސެކިއުޓާ ޖެނެރަލާ މަތިކުރެވިފައި އެބައޮތް،" އޭނާ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބުވި ކަމަށާއި އެހެންވީމާ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތަށް ފެނުނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ މެދު އޮތް ތަސައްވުރު ބަދަލުކުރުން ކަމަށެވެ.