ޚަބަރު

މާލެ "މުއިއްޒު" ކުރަން މުއިއްޒު މޭޔަރު ކަމަށް ވާދަކުރަނީ

މާލެ ސިޓީ "މުއިއްޒު" ކުރުމުގެ ޝިއާރާއެކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.

އަދުރޭ ވިދާޅުވީ މާލެއަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށާއި އެ ބަދަލު ގެނެވޭނީ މާލެ "މުއިއްޒު" ކޮށްގެން ކަމަށެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ "މުއިއްޒު" ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ އިއުލާންކުރަން ޑރ. މުހައްމަދު މުއިއްޒު އިރާދަކުރެއްވިއްޔާ މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާނެ. އެމަނިކުފާނު އިރާދަކުރެއްވިއްޔާ މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވާނެ. އަޅުގަނޑުމެން މިރޭ އެމަނިކުފާނުގެ ޝިއާރު ނުވަތަ ސްލޯގަން އިއުލާނުކުރާނަން. އެމަނިކުފާނު ނުކުމެވަޑައިގަންނަވާނީ މާލެ މުއިއްޒު ކުރަން. އެމަނިކުފާނުގެ ޝިއާރަކީ މުއިއްޒު ކުރުން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ލަސްތަކެއް ނުވެ ރަށްރަށަށް ދަތުރުތައް ފަށާނެ ކަމަށާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ އިންތިހާބު ކާމިޔާބުކުރާނީ ރައްޔިތުންގެ ލޯތްބާއި އިހުތިމާއެކު ކަމަށެވެ. އަދި އޮޅުވާލުމެއް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އެ އިންތިހާބުގައި އެ ކޯލިޝަނުން ވާދަކުރުމަށް ނިންމާފައިވަނީ ޕީޕީއެމްގެ ނަން މަތީގައެވެ.