ޚަބަރު

ހދ. އަތޮޅުން ތިން ރަށެއް ރިސޯޓް ހަދަން ދޫކުރަނީ

ރިސޯޓު ތަރައްގީ ކުރުމަށް ހދ. އަތޮޅުން ތިން ރަށެއް ކަނޑައަޅުއްވައި، ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލަކުން ކައުންސިލަރުން ހިމެނޭ ގޮތަށް ކުރޮސްރޯޑުގައި މިއަދު ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގެ ތެރެއިން ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް އަލީ ފާޅުކުރެއްވި ކަންބޮޑުވުމާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، ހދ. އަތޮޅުގައި ރިސޯޓެއް ނެތުމުން ލާމަރުކަޒީ ގާނޫނުގެ ދަށުން އެހެން އަތޮޅުތަކަށް ލިބޭ ފުރުސަތު އެ އަތޮޅަށް ނުލިބިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރެއް އަހަރެއް ފުރިގެންދިޔައިރު، ހދ. އަތޮޅަށް ޓޫރިޒަމްގެ ފޮނި މީރުކަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

އެކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ހދ. އަތޮޅަށް ވަރަށް ބޮޑު ބަދަލެއް އެބަ ކަމަށެވެ. އެގޮތުން އެ އަތޮޅުގައި ތިން ރިސޯޓެއް ތަރައްގީ ކުރަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި ގާތް ގަނޑަކަށް 20 ފަޅުރަށް އޮންނައިރު، އެ އަތޮޅުގައި މިހާތަނަށް ހުޅުވާފައިވަނީ އެންމެ ރިސޯޓެކެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި އެ ރިސޯޓު ހުޅުވީ 80 ބީޗު ވިލާ ކޮޓަރިއާއެކުއެވެ. ނަމަވެސް އެ ރިސޯޓު ވެސް ތަރައްގީކޮށް ހުޅުވުނީ ތްރީއޭ އަށް އެރަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ.

ހޮނޑާފުށީގެ އިތުރުން ހދ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވަނީ އެ އަތޮޅުގެ ނާގޯށިއެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެ ރިސޯޓު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ.