ޚަބަރު

އެސްޑީއެފްސީން 241 ފަރާތަކަށް ޖުމްލަ 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އާނިފާ ހުސެއިން ސިރާޖް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލި އެސްއެމްއީ ޑެވެލޮޕްމަންޓުން ޖުމްލަ 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެސްޑީއެފްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މާޗު މަހު އެ ކޮޕަރޭޝަން އެކުލަވާލީއްސުރެ މިއަދާ ހަމައަށް 241 ފަރާތަކަށް ޖުމްލަ 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށާއި، ކޮމާޝިއަލް ވިޔަފާރިތަކަށް ކަމަށް އެސްޑީއެފްސީން ބުންޏެވެ. އަދި އެ ލޯނުތައް ދޫކޮށްފައިވާނީ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 83 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް ކަމަށާއި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 34 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަމަށް އެސްޑީއެފްސީން ބުންޏެވެ.

މިއަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ދޫކުރާ ލޯނުތަކަށް ހުށަހަޅާ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި އަންނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކަމަށް އެސްޑީއެފްސީން ބުންޏެވެ.

ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މެދުކަނޑާލުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެސްޑީއެފްސީން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެސްޑީއެފްސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ކޯޕަރޭޝަނުން ދޭ ހިދުމަތްތައް އަހަރުން އަހަރަށް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.