ޚަބަރު

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބުރިޖާ ގުޅޭ މަހާސިންތާއެއް ބާއްވައިފި

މަރިޔަމް ޝަހުދާ

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖައްސާފައިވާ ބުރިޖާ ގުޅޭ މަހާސިންތާއެއް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރގެ ފަރާތުން ބާއްވައިފިއެވެ.

މިނިސްޓްރީން އެ މަހާސިންތާ މިއަދު ބާއްވާފައިވަނީ ދަރުބާރުގޭގައެވެ. އެ މަހާސިންތާގެ ތެރެއިން މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އޮވޭ އަރުޕް ޕްރައިވެޓް ލިމިޓަޑުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މަޝްރޫއުގެ ތަފްސީލީ މައުލޫމާތު ދީފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.

އެ މަހާސިންތާއަށް ފަހު ދައުލަތުގެ މީޑިއާއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިއަދު ބޭއްވި މަހާސިންތާއަކީ މާހައުލާއި އެންމެ އެކަށީގެންވާ ގޮތަށް ބުރިޖުގެ ޑިޒައިން ކުރުމަށް ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ މަހާސިންތާއެއް ކަމަށެވެ. އަދި ބުރިޖު ދާނެ މަގާއި، ސްޓްރަކްޗަރއާއި، ހުންނާނެ ލޭނުގެ އަދަދާ ގުޅޭގޮތުން ހިޔާލު ހުށަހެޅި، މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ބުރިޖުގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެ ކަމަށެވެ. އަދި މަދުވެގެން ފަޅިއަކު ދެ ލޭން ހިމެނޭ ގޮތަށް ބުރިޖު އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި ބުރިޖުގެ ފުޅާމިން ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އަންނަ ޖޫން މަހަށް ޑީޓެއިލް ޑިޒައިންތައް ނިމޭނެ ކަމަށާއި ޖޫންމަހު ބުރިޖު ޓެންޑާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބުރިޖު ފަރުމާ ކުރާނީ މާލެއާއި ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅިން އަދި ވިލިނގިއްޔާ ގުޅީފަޅު އަދި، ގުޅީފަޅާއި ތިލަފުއްޓާ ދެމެދު އުޅަނދުތަކަށް ދަތުރު ކުރެވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްލޭނިންގް މިނިސްޓްރީން ވަނީ މާލެއިން ތިލަފުއްޓަށް ގުޅާލާ އެ ބުރިޖު ޕްރޮޖެކްޓުގެ ފައިނަލް ޑީޓެއިލް ޑިޒައިން ހެދުމަށް ހޮންގްކޮންގެ އަރޫޕް ލިމިޓެޑާ ހަވާލުކުރުމަށް ލިޔެކިޔުންތައް ހުށަހަޅައިފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. އެގޮތުން މާލެ އާއި ތިލަފުއްޓާ ދެމެދު އެ ބުރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެއެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅައިލުމަށް އަޅާ ބުރިޖުގެ މަޝްރޫއަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެ މަޝްރޫއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ލަފާކޮށްފައެވެ.