ޚަބަރު

އަތޮޅު ކައުންސިލުތަކުގައި ރިސޯސް ޕޫލެއް އޮންނާނެ، މިހާރު އަތޮޅުތަކުން ވަޒީފާ ލިބޭނެ: އަސްލަމް

އެކި ދާއިރާތަކުން ކިޔަވައިގެން ތިބި މީހުން ހިމެނޭ ރިސޯސް ޕޫލެއް އަތޮޅު ކައުންސިލުތަކުގައި އޮންނާނެ ކަމަށާއި އޭގެ ސަބަބުން މަތީ ތައުލީމު ފުރިހަމަކުރާ މީހުންނަށް އަތޮޅުތަކުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް އެހެން ވިދާޅުވެފައިވަނީ 200 އަށްވުރެ ގިނަ ކައުންސިލަރުންނާއެކު ކުރިއަށްގެންދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަހާސިންތާއަކީ ލާމަރުކަޒީ ގާނޫނާށް ގެނައި އިސްލާހާ ގުޅިގެން ކައުންސިލްތަކަށް އަންނަ ބޮޑެތި ބަދަލުތަކާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ކަނައަޅާފައިވާ ބަޖެޓުގެ އިތުރުން ކަމާބެހޭ ކަންތައްތަކަށް ކައުންސިލަރުން އަހުލުވެރިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މަހާސިންތާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމަންޓް ކަންތަކުގައި ޕްރެޖެކްޓްތައް އެޑްމިނިސްޓާ ކުރުމަށް އަދި ކޮންސަލްޓަންޓުން ހޯދުމުގައި ކޮންމެ އަތޮޅަކުން ފާމްތަކެއް ނުލިބޭނެ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ އަތޮޅު ކައުންސިލުގައި އެ ގާބިލުކަން އިތުރުކޮށްދިނުން ކަމަށެވެ.

"ބީއޯކިޔު ހަދާ މީހުން، އަތޮޅު ކައުންސިލުގައި އިންޖިނިއަރުން، އަތޮޅު ކައުންސިލުގައި ސާވޭޔަރުން. އެހެންވީމާ ރިސޯސް ޕޫލެއް އަތޮޅު ކައުންސިލް ތެރޭގައި މި އޮންނަނީ. އެމީހުން ރަށްރަށުގެ ކައުންސިލުތަކުން ހިންގާ މަސައްކަތްތައް ސުޕަވައިޒްކޮށްދީ، މަސައްކަތް ވެރިފައިކޮށްދީ، ބިލުތައް އެޕްރޫވް ކޮށްދޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކައުންސިލުން އެޕްރޫވް ކުރަން ޖެހޭނީ ޕޭމަންޓް ހަދަން ކަމަށާއި އެޕްރޫވް ކުރީމަ އެކަން ދާނީ ފިނޭންސް މިނިސްޓްރީގައި އޮންނަ ސިސްޓަމުގެ ތެރެއިން ޕޭމަންޓަށް ކަމަށެވެ. އަދި އެ ސިސްޓަމަށް ކައުންސިލުތައް އަހުލުވެރިވުން ވަރަށް މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މަސައްކަތްކޮށް ނިންމުމަށްފަހު މި އޮންނަނީ ކޮންޓްރެކްޓަރާ ހަވާލުކުރާ މަސައްކަތް އޭނާ ކުރަން ކަނޑައަޅާފައި އޮންނަ ވަގުތުގެ ތެރޭގައި ކުރީމަ، އެ ކުރެވުނީ ރަނގަޅަށްތޯ ބަލާ މީހަކު ބަލާފައި، އެ މަސައްކަތް ކޮށްފިތޯ ބަލާފައި ސޮއިކޮށްފައި މީހަކު ދެނީ، އެއީ ވެރިފައި ކޮށްދެވުނީ މަސައްކަތް. ދެން ކައުންސިލުން އެޕްރޫވް ކުރާނީ ޕާމަންޓް ހަދަން. އެޕްރޫވް ކުރީމަ، އެ ދާނީ މިނިސްޓްރީ އޮފް ފައިނޭންސްގެ އެ އޮންނަ ސިސްޓަމްގެ ތެރެއިން ޕޭމަންޓަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މީގެ ކުރިން ކޮންޓެޓީ ސާވޭއެއް ހަދައިގައި ވަޒީފާ ލިބެނީ ހަމައެކަނި މާލެއިން ކަމަށާއި ނަމަވެސް މިހާރު އަތޮޅުތަކުން ވަޒީފާ ލިބޭނެ ކަމަށެވެ.

"މާލެއިން ޕްރޮޖެކްޓް މެނޭޖް ކުރަނީ. ސިވިލް އިންޖިނިއަރިން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ކިޔަވައިގެން އައިސް، މާލޭގައި ހުންނަން ޖެހޭނީ. އެކަހަލަ ކަންތައްތައް މި ދެންނެވި ޒާތުން ކިޔަވައިގެން އައިސް އަތޮޅުގައި ހަރުލާ ހުރުމުގެ ފުރުސަތު މީގެ ތެރެއިން ލާފަ އަންނަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ޕްރޮޖެކްޓެއްގެ ކުޑަ، ބޮޑުމިނުން ކޮންސަލްޓަންޓަކީ އެންމެ މީހަކަށް ނުވަތަ ބައެއް ފަހަރު އެއީ ޕޫލަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ ނިޒާމަށް ފޮލޯ ކުރުމަށް ކައުންސިލަރުންނަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

އަންނަ އަހަރަށް ފާސްކުރި، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ލިބޭގޮތަށް ކަނޑައެޅި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު ވަނީ މިއަދު ތަސްދީގުކުރައްވައިފައެވެ.