ޚަބަރު

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހުށަހެޅި ދިފާއީ ހަތް ހެއްކެއްގެ ނަން އަނބުރާ ގެންގޮސްފި

ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހަތް ހެއްކެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް މަހު ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި އޭނާ މަރާލާފައިވާ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. ހަތް ހެކިންގެ ހެކި ނުނެގުމަށް ނިންމާފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ދައުވާ ލިބޭ ހަ މީހުންގެ ތެރެއިން މ.ތާއިފް އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދެވެ. މައުމޫން ހަމީދު ވިދާޅުވީ އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތަށް ހުށަހެޅިފައި ނުވާތީ އެ ހަތް މީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

އިސްމާއީލް ރަޝީދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ 11 މީހުންނެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ނަން އަނބުރާ ގެންގޮސް، އެމީހުންގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާ އިރު، އަނެއް ހަތަރު މީހުންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް މިއަދުގެ އަޑުއެހުމުގައި އިސްމާއީލް ރަޝީދުގެ ފަރާތުން އޭނާގެ ވަކީލު ވަނީ އެދިފައެވެ. މައުމޫން ހަމީދު ވިދާޅުވީ ހެކިބަސް ނަގަން ބޭނުންވާ ހަތަރު މީހުންނަކީ ވެސް ޔާމީނަށް މަރުގެ އިންޒާރު ދީފައިވާކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހުން ކަމަށެވެ. އަދި އެމީހުންގެ ފުރިހަމަ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމުން އަމުރެއްގެ ދަށުން އެމީހުން ކޯޓަށް ހާޒިރުކޮށް ދިނުމަށް މައުމޫން ހަމީދު އެދިފައިވެއެވެ.

މި ހަތަރު މީހުންގެ ތެރެއިން އެމީހެއްގެ މައުލޫމާތު ސާފުވާން އޮތް ހަމައެކަނި މީހަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒެވެ. އެހެންކަމުން ޒާހިދު ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވުމަށް އަންގަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ. ނަމަވެސް ދެން ތިބި ތިން މީހުންގެ ފުރިހަމަ މައުލޫމާތު ހުށަހެޅިފައި ނުވުމުން އެމީހުން ހާޒިރުކުރުމަށް އަމުރެއް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގެ ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން އެއް ފަރާތެއްގެ ވަކީލުން މިއަދު ވަނީ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. އެއީ ދައުލަތުން ދައުވާ ކޮށްފައިވާ މ.ކުދެހިގޭ ހަސަން ޝިފާޒެވެ. ޝިފާޒުގެ ފަރާތުން އޭނާގެ ވަކީލުން ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު ޝަރުތުތަކަކާއެކު ޝިފާޒުގެ ބަންދަށް ލުޔެއް ދުނުމަށް ވަނީ އެދިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުން ވަނީ އޭނާއަށް ލުޔެއް ދިނުމަށް ނުފެންނަ ކަން ޝަރީއަތުގެ މަޖިލީހުގައި ހާމަކޮށްފައެވެ. އަދި ގާޒީ ވަނީ މިކަމުގައި ދައުލަތާ އެއްބަސްވެ، މައްސަލައިގެ ބާވަތުން ޝިފާޒުގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ޝިފާޒާއި އިސްމާއީލް ރަޝީދުގެ އިތުރުން މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ.އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލު، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނު އަދި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި ހުރިހާ އެންމެންގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.

ޔާމީން މަރާލި މައްސަލައިގެ ޝަރީއަތުގައި މިހާރު ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގައިފައެވެ. އަދި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.