ލައިފް ސްޓައިލް

މިސް ވޯލްޑް 2019 މިސް ޖެމެއިކާއަށް

މިސް ވޯލްޑް 2019ގެ ތާޖު ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ ޓޯނީ އެން ސިންގަށް ލިބިއްޖެއެވެ.

މި ހަފުލާ ބާއްވާފައި ރޭގެ ވަގުތެއްގަ އެވެ.

23 އަހަރުގެ ޓޯނީ އުފަންވެފައި ވަނީ ޖެމެއިކާގެ މޯރަންޓް، ސެއިންޓް ތޯމަސްއަށެވެ. އޭނާ އަކީ ސައިކޮލޮޖީ އަދި ވުމެން ސްޓަޑީޒް އިން ގްރެޖުއޭޓް ވެފައިވާ މީހެކެވެ.

"ސެއިންޓް ތޯމަސް ޖެމެއިކާގެ ހުރިހާ އަންހެން ކުދިން، އަދި ދުނިޔޭގައި އުޅޭ ހުރިހާ އަންހެން ކުދިންވެސް، އަމިއްލަ ނަފުސަށް އިތުބާރު ކުރޭ! އަބަދުވެސް ތީ ވޯތީ މީހެއް ކަމަށް ގަބޫލުކޮށް ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ގާބިލިއްޔަތުކަން ހުރި މީހެއް ކަމަށް ގަބޫލު ކުރޭ! މި ތާޖަކީ އަހަރެންގެ ތާޖެއް ނޫން. މީ ތިއެންމެންގެ ތާޖެއް." ތާޖު ލިބުމުން ޓޯނީ ކުރި ޓުވީޓުގައި ވެއެވެ.

މިފަހަރުގެ މިސް ވޯލްޑްގެ ރަނާރަޕް އަށް ހޮވިފައިވަނީ މިސް ފްރާންސް އާއި މިސް އިންޑިއާއެވެ.

މިއީ ޖެމެއިކާއަށް މިސް ވޯލްޑްގެ ތާޖު ލިބުނު ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 1963، 1976 އަދި 1993ގައިވެސް މިސް ވޯލްޑްގެ ތާޖު ލިބިފައިވަނީ ޖެމެއިކާގެ މީހުންނަށެވެ.

މިއަހަރަކީ ހުރިހާ ބިއުޓީ ޕެޖަންޓެއްގައިވެސް ކަޅު ނަސްލުގެ މީހުނަށް ތާޖު ލިބިގެން ދިޔަ ފަހަރެކެވެ. އެގޮތުން މިސް ޔޫއެސްއޭ އާއި މިސް ޓީން ޔޫއެސްއޭ އާއި މިސް އެމެރިކާ އާއި މިސް ޔުނިވާސްވެސް ލިބިފައިވަނީ ކަޅު ނަސްލުގެ މީހުނަށެވެ.