ރައުދާ އާތިފް

ޑރ. އަފްރާޝީމުގެ މަރުގެ ކަންކަން އެނގޭ ކަމަށާއި ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ރައުދާ ބުނި: ރައުދާގެ ބައްޕަ

21

ރަހުމު ކުޑަ ގޮތަކަށް ގަތުލުކޮށް މަރާލާފައި އޮއްވާ ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމް އަލީގެ މަރުގެ ކަންކަން އެނގޭ ކަމަށާއި އެއީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށް، ރައުދާ ބުނެފައިވާ ކަމަށް، ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފު ބުނެފި އެވެ.

ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ، 2017 ވަނަ އަހަރުގެ މާޗު މަހު ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގަ އެވެ. ރައުދާގެ މަރު ތަހުގީގުކޮށް ބަންގްލަދޭޝުގެ ކަމާ ބެހޭ ފަރާތްތަކުން ނެރުނު ރިޕޯޓުތަކުގައި ބުނެފައި ވަނީ އޭނާ ދަންޖެހިގެން މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ، ރައުދާ ރައްޓެހިވެގެން އުޅުނު އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކެކެވެ.

ރައުދާގެ މަރުގެ މައްސަލަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ކަންކަން ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ވަނީ ބަލައިފަ އެވެ. އެ ކޮމިޝަނުގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާ އިރު، އެ ކޮމިޝަނުން ވެސް ނިންމާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި، އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން ވެސް ރައުދާގެ ބައްޕަ، މުހައްމަދު އާތިފު ގެ ވާހަކަ ތަފާތެވެ. އާތިފު ވަނީ ރާއްޖޭގެ މަރު ކޮމިޝަނުން ނެރުނު ރިޕޯޓަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެ ރިޕޯޓުގައި ރައުދާގެ މަރާ ގުޅޭ ގޮތުން ހުރި ވާހަކަތައް ގަބޫލު ނުކުރާ ކަމަށާއި އެއީ ސިޔާސީ ވެގެން ނެރެފައިވާ، ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އާތިފު ވަނީ ބުނެފަ އެވެ. ރައުދާ ވަނީ މަރާލާފައި ކަމަށާއި އެ މަރުގެ ހަގީގަތް ކޮންމެވެސް ދުވަހަކުން އެނގޭނެ ކަމަށް އާތިފް އަންނަނީ ބުނަމުންނެވެ. އަދި އެކަން ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓުމެއް ނެތި ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާތިފު އިއްޔެ ބުނީ، ސެނަހިޔާގައި، ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ވަޒީފާ އަދާކުރި އިރު ޑރ. އަފްރާޝީމުގެ މަރުގެ ކަންކަން އެނގޭ ކަމަށް ރައުދާ އޭނާ ކައިރީ ބުނި ކަމަށެވެ.

"ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ އަލިފުން ޔާއަށް އެނގޭ ކަމަށް ރައުދާ އަހަރެން ކައިރީ ބުނި. އެއީ ރައުދާ ސެނަހިޔާ ގައި މަސައްކަތް ކުރި އިރު." އާތިފް ބުންޏެވެ.

އާތިފް އިތުރަށް ބުނީ، ފިރިހެން ކުއްޖަކާ ހެދި ރައުދާ އަމިއްލައަށް މަރުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައުދާ ދެރަވެފައި ހުރި ހަމައެކަނި ހާލަތަކީ، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ އެނގޭ ކަމަށް ބުނި ވަގުތު ކަމަށް ވެސް އާތިފް ބުންޏެވެ.

"އެކަމަކު ރައުދާ އެވާހަކަތައް ކިޔައެއް ނުދިން. ބުނި އެއީ ދިރިއުޅުމަށް ނުރައްކާ ކަމަކަށް ވެދާނޭ. އަދި އައިޖީއެމްއެޗަށް ބަދަލުވާން ބޭނުންވާ ވާހަކަވެސް ބުނި." އާތިފް ބުންޏެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަޑައިގެންނެވި ތަނުންނެވެ. އޭނާ އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެގޭ ސިޑިމަތީގަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟