އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 16

އަބްދުﷲ ފާރޫގް ހަސަން

(09 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ماه بانو ވިދާޅުވިއެވެ. "ކަލާ އަޅުގަނޑާމެދު ފިކުރުފުޅު ނުކުރައްވާށެވެ. އެބައިމީހުން މިގެއަށް ޙަމަލަދިން ކަމުގައިވިޔަސް އެންމެ އަވަސްވެގެންވެސް އިރުއެރުމުގެ ކުރިޔަކު އެބައިމީހުންނަކަށް ހަވޭލީގެ ދޮރުފަތް ހަލާކުކޮށެއް ނުލެވޭނެއެވެ. އަޅުގަނޑުމެންގެ މީހުންނަށް އެހައިއިރުވާންދެން ހިފެހެއްޓޭނެއެވެ. އެހައިވެސް އެދޮރުފަތް ވަރުގަދައެވެ. އަޅުގަނޑުމެން ބޭރަށް ނުކުމެފައި ބައްޕާފުޅު އިޝާރަތްކޮށްލައްވަންދެން އިންތިޒާރު ކުރާނީއެވެ. ކަލާއަށް ނުރައްކަލެއް ކުރިމަތިވާނަމަ ބާލުޚާނާގެ ކުޑަދޮރުމަތީގައި ބައްތިއެއް ބަހައްޓަވާނެއެވެ. އެހެންނޫނީ އިރުކޮޅެއްގެ ތެރޭގައި ކޮންމެވެސް ނޯކަރެއް އަޅުގަނޑުމެންގެ ގާތަށް އަތުވެދާނެއެވެ."

حسّان އިތުރު އެއްޗެކޭ ވިދާޅެއްނުވެއެވެ. އޭނާ ކުރިޔަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. ބިންގަރާހުގެ ނިމޭކޮޅާ ހަމަޔަށް ވަޑައިގެންފައި حسّان ބައްތި ބިންމަތީގައި ބަހައްޓަވައިފިއެވެ.

އިރުކޮޅެއްގެފަހުން އެބޭފުޅުން ތިއްބެވީ ބިންގަރާހުން ބޭރުގައި ހަނދުވަރުގެ އަލީގައެވެ. ދެބޭފުޅުންގެ ހިތްޕުޅު ތެޅެނީއެވެ. ދެބޭފުޅުންގެ ދޫފުޅުވަނީ ބަންދުވެފައެވެ. ދެބޭފުޅުންގެ ބެއްލެވުމުގައިވަނީ ފެންބޮވައިގެންފައިވާ ރޫޙުތަކުގެ އާދޭސްތަކެވެ. ދެބޭފުޅުންނަށް ގަސްދަކާނުލައި އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަތްޕުޅުގައި ހިއްޕެވިއްޖެއެވެ. ޖަންގަލީގެ ހަމަހިމޭން ޖައްވު ކުއްލިޔަކަށް ރީތި ރާގުތަކާއި، ލަވަތަކުން ފުރިގެން ހިނގައްޖެއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެބޭފުޅުންނަށް އުފާވެރިކަމުގެ ހަތްވަނަ އުޑުގައި އުދުހިވަޑައިގެންނެވޭހެން ހީފުޅުވިއެވެ. އެހައިމެ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިތާމައިގެ ފުންމިން އެނގުންނުވާ ކަނޑެއްގެ އަޑިޔަށް ގެނބިވަޑައިގެންނެވޭގޮތް ވެއްޖެއެވެ. އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަތްޕުޅުން ދޫކޮށްލައްވައިފިއެވެ. ޖަންގަލީގެ ފަޒާއިން އިވެމުންދިޔަ ރީތި ލަވަތައް ހިމޭންވެއްޖެއެވެ. ރުއިމާއި ގިސްލުމުން ފުރިގެން ހިނގައްޖެއެވެ.

حسّان ވިދާޅުވިއެވެ. "ކަލާ މިތާނގައި މަޑުކުރައްވާށެވެ. އަޅުގަނޑު ނޯކަރަށް ގޮވައި ހޭލައްވައިފައި އެބައަންނަމެވެ."

ماه بانو ވިދާޅުވިއެވެ. "ވަޑައިގަންނަވާށެވެ. އެކަމަކު އޭނާ ހުންނާނީ ހޭލައިކަން އަޅުގަނޑަށް ޔަޤީނެވެ. އެހެންކަމުގައިވިޔަސް އޭނާއަށް ސަމާލުވެ ހުރުމަށް އަންގައިލުމަކީ ރަނގަޅު ކަމެކެވެ."

حسّان ވަޑައިގެންފިއެވެ. އިރުކޮޅެއްފަހުން އެނބުރިވަޑައިގެންނެވިއިރު އޭނާ ހުންނެވީ ކަނޑިއާއި ދުނިދަނޑިއާއި ދުނިތައް ހިއްޕަވައިގެންނެވެ. ماه بانو ގެ އަރިހަށް ވަޑައިގެންފައި އޭނާ ވިދާޅުވިއެވެ. "ކަލާއަށް ހީފުޅުކުރެއްވުނީ ރަނގަޅަށެވެ. ކަލާގެ ޚާދިމަށް ގޮވައި ހޭލައްވާކަށެއް ނުޖެހުނެވެ."

ماه بانو ވިދާޅުވިއެވެ. "އޭނާ އެކަންޏެއް ނޫނެވެ. ޖަންގަލީގައި އަދި އެހެން ނޯކަރެއްވެސް ފޯރިމަރަމުން ގެންދާނެއެވެ. އެދެމީހުނަށް އެނގޭނެއެވެ. އެއިން އެކަކު ރޭގަނޑު ނިދައިފިނަމަ އަނެކަކު ނިދައިފައި އޮތް މީހާއަށް ގޮވައި ހޭލެއްވުމުގެ ބަދަލުގައި އޭނާ ޤަތުލުކޮށްލާނީއެވެ. އެއީ ބައްޕާފުޅުގެ އަމުރުފުޅެވެ."

އިރުކޮޅެއްވަންދެން ދެބޭފުޅުން ހަމަހިމޭނުން ތިއްބެވިއެވެ. އެގޮތުގައި ތިއްބަވައިފައި ماه بانو ވިދާޅުވިއެވެ. "އަޖައިބުވާފަދަ ކަމެކެވެ. ކަލާ ދަތުރަށް ތައްޔާރުވެވަޑައިގަތުމުގެ ކުރީން ކަލާ އަވަހަށް މިތަނުން ވަޑައިގަންނަވާތޯ އަޅުގަނޑު ދުޢާވެސް ކުރަމެވެ. އަޅުގަނޑު އަބަދުވެސް ގަންނަ ބިރަކީ ކަލާގެ ފުރާނަފުޅު ނުރައްކަލުގެ ތެރޭގައި ވާކަމުގެ ބިރެވެ. ނަމަވެސް މިހާރު އަޅުގަނޑުގެ އެންމެބޮޑު އެދުމަކީ ކަލާ އަދި އެންމެ ދުވަހަކު ނަމަވެސް މަޑުކޮށްލެއްވުމެވެ."

حسّان ވިދާޅުވިއެވެ. "މިގެއިން ދިއުމަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ ބޮޑު އިމްތިޙާނެވެ."

ماه بانو ވިދާޅުވިއެވެ. "ކަލާ سُهيل ދެކެ ލޯބިފުޅުވާވަރު އަޅުގަނޑަށް އެނގެއެވެ. އޭނާއަށް ކަލާގެ އަރިހުގައި ވަޑައިގެންނެވޭނެ ނަމައެވެ."

سُهيل އަޅުގަނޑާއެކު ދިޔަކަމުގައިވިޔަސް މިގެއިން ދާއިރު އަޅުގަނޑުގެ އިޙްސާސްތަކެއް ތަފާތެއް ނުވީހެވެ. އަޅުގަނޑު ހީކޮށްގެންހުންނަނީ އަޅުގަނޑު ނިދައިފައި އޮއްވައި ކޮންމެވެސް ދުވަހަކުން ކަލާގެ ނޯކަރަކު އައިސް ގޮވައިފައި އަވަހަށް ފިލައިގެންދާށޭ ބުނާނެކަމަށެވެ. ކަލާއަށް އަލްވަދާޢު ދެންނެވުމުގެ ފުރުޞަތެއްވެސް ނުލިބި ފިލައިގެން ދާންޖެހިދާނެކަމީ އަޅުގަނޑުގެ ހިތުގައި ހިނގާ ވަރަށްވެސް ހިތި ޝުޢޫރެކެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. މިގެއިން ދާންޖެހޭ ވަގުތު އަޅުގަނޑަށް ފުރުޞަތެއް ލިބިއްޖެނަމަ، މުޅި ޙަޔާތުގައި މިގޭގައި ހުއްޓަސް އަޅުގަނޑުގެ ދުލަށް ގެންނަން ނުކުރޭނެ ވާހަކަތަކެއް އެއްވެސް ބިރެއް ލަދެއްނެތި ކަލާގެ އަރިހުގައި ދަންނަވާނަމެވެ. ނަމަވެސް މިހާރު ކަލާ އަޅުގަނޑުގެ ކުރިމަތީގައި ހުންނެވުމުން ކަލާގެ އަރިހުގައި އެވާހަކަ ދަންނަވާހިތްވާ ކަންވެސް އަޅުގަނޑަށް ވަނީ ހެއްވާ ކަމެއްކަމުގައެވެ. ماه بانو އެވެ! އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އެތަކެއް ފަރުބަދަތަކާއި އެތަކެއް ސަހަރާތައް ހުރަސްވާ ދުވަހަކުން އަޅުގަނޑުގެ މަޤްޞަދެއް ނެތް ޙަޔާތުގެ އެންމެ ފަޅިސިކުންތެއްވެސް ކަލާގެ ޚިޔާލުން ހުސްވެގެންނެއް ނުވާނެއެވެ. ދުވާލު ހަތަރުދަމާއި ރޭގަނޑު ހަތަރުދަމު އަޅުގަނޑު ކަލާގެ ޚިޔާލީ ތަސްވީރާ ވާހަކަދައްކަމުން ގެންދާނަމެވެ."

"ފަހަރެއްގައި އަޅުގަނޑު މިތާނގައި ނެތިއްޔާ!" ماه بانو މިހެން ވިދާޅުވެފައި ހިނިފުޅުވަޑުވައިލެއްވިއެވެ. ނަމަވެސް ކުއްލިޔަކަށް އޭނާގެ މޫނުފުޅުމައްޗަށް މޮޅިވެރިކަމުގެ ވިލާތައް ފެތުރިއްޖެއެވެ. އޭނާގެ ވިދަވިދައިހުރި ދެލޯފުޅު މަޑުމަޑުން ކަރުނަފޮދުން ފުރޭން ފަށައިފިއެވެ.

حسّان އިރުކޮޅެއްވަންދެން އެއްވެސް އެއްޗެކޭ ވިދާޅުނުވެ ماه بانو އާ ދިމާއަށް ބައްލަވަން ހުންނެވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ سُهيل އަށްޓަކައި ދެވަނަފަހަރަށް މިތަނަށް އަންނާންޖެހޭނެއެވެ. އަދި سُهيل މިގޭގައި ނެތްކަމުގައިވިޔަސް މަސްތަކެއް ނުވަތަ އަހަރުތަކެއްގެ ފަހުން އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު އެހީތެރިޔަކީ ކަލާ ދުށުމުގެ އުއްމީދު ކަމުގައިވާނެއެވެ. އަޅުގަނޑަކީ އަތުގައި އެކައްޗެއްވެސް ނެތް ފަޤީރު، ނިކަމެއްޗަކީމެވެ. އާރެއް ބާރެއްނެތް އިންސާނަކީމެވެ. އަޅުގަނޑުގެ މުސްތަޤްބަލުގެ ހުރިހާ އުއްމީދުތަކެއްވަނީ ބިރުވެރި ސަހަރާއެއްގެ މާސިންގާކަމުގެ ތެރެއަށް ގެއްލިފައެވެ. ނަމަވެސް އަޅުގަނޑަކީ ދުނިޔޭގައިހުރި އެންމެބޮޑު ޝަހެންޝާހު ކަމުގައިވެފައި މަދާއިނާއި ޤުސްޠަންޠީނިއްޔާފަދަ ރަށްވެހި ރަށްރަށުގައި އަޅުގަނޑަށްޓަކައި ރަންރިހީގެ ގަނޑުވަރުތައް ތައްޔާރުވިޔަސް މިއަވަށުގައި އަޅުގަނޑު ހޭދަކޮށްފައިވާ ދުވަސްކޮޅުގެ ހަނދާންތައް އަޅުގަނޑު އަބަދުވެސް ފިކުރުބޮޑު ކުރުވަމުން ގެންދާނެއެވެ."

حسّان ގެ ޖެހިލުންކުޑަ ބެއްލެވުންތައް ماه بانو ގެ ހިތްޕުޅުގެ އެންމެ އަޑިޔާ ހަމައަށް ފޯރައިފިއެވެ. ކުއްލިއަކަށް އެބޭފުޅުންގެ މެދުގައިވާ ހުރިހާ ހުރަސްތަކެއް ނެތިގެން ހިނގައްޖެއެވެ. ماه بانو ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ؟ މިވަގުތު ކަލާއާ ވާދަކުރައްވަން މިތާނގައި ޝަހެންޝާހަކު ހުންނަވައިފައި އަޅުގަނޑު ކުރެން އަޅުގަނޑު ބޭނުމީ ރަންރިހީގެ ގަނޑުވަރުތައްތޯ ނުވަތަ އަތުގައި އެއްވެސް އެއްޗެއްނެތް ފަޤީރަކާއެކު ސަހަރާގެ ވެލިތައް ފުރާނަންތޯ ސުވާލު ކުރައްވައިފިނަމަ އަދި އަޅުގަނޑު ބޭނުން ފަރާތެއް ޚިޔާރުކޮށް ބޭނުން ފަރާތެއް ޤަބޫލުނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރު އަޅުގަނޑަށް ލިބިގެންވާނަމަ އަޅުގަނޑު ކުޑަވެސް ފަސްޖެހުމަކާނުލައި ހިފާނީ ކަލާގެ އަތްޕުޅުގައެވެ. އަޅުގަނޑު ބުނާނަމެވެ. މިއީ އަޅުގަނޑު އިންސާނެއްގެ ޙައިޘިއްޔަތުން ދަންނަ މީހެކެވެ. މީނާގެ ހިތުގައި އަޅުގަނޑަށްޓަކައި ކުޑަވެސް ޖާގައެއްވާނަމަ ރަނުގެ ގަނޑުވަރުތަކުގެ ބަދަލުގައި އަޅުގަނޑު ތަރުޖީހުދޭނީ ސަހަރާގެ ވެލިތަކަށެވެ. ނަމަވެސް އަޅުގަނޑުމެން ދެމީހުންމެ މަޖުބޫރުވެފައިވަނީ އަދި އާރެއް ބާރެއް ނެތިފައިވަނީ އެއްވަރަކަށެވެ. އަޅުގަނޑުމެން ދެމީހުންނަށް އެކަކު އަނެކަކު ދަސްކުރުމުގެ ފުރުޞަތު ލިބިފައިވާނަމަ މިއީ ހަމައެކަނި އިއްތިފާޤުން ދިމާވި ހާދިސާއެކެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑު ހަމައެކަނި އޮޅުންފިލުވަން ބޭނުންވަނީ ކަލާ އަޅުގަނޑުގެ މަތިން ހަނދާން ނައްތަވައިލައްވާނުތޯ ނުވަތަ ނޫންތޯއެވެ؟"

"އަޅުގަނޑަކަށް ކަލާގެ ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެކަން ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑު އަބަދުވެސް ކަލާއަށް އިންތިޒާރު ކުރާނަމެވެ." ماه بانو މިހެން ވިދާޅުވެފައި އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. ޖަންގަލީގެ ތެރެއަށް އަނެއްކާވެސް ހަމަހިމޭންކަން ވެރިވެއްޖެއެވެ.

އިރުކޮޅަކުން حسّان ވިދާޅުވިއެވެ. "ވަރަށް ގިނައިރުވެއްޖެއެވެ. މިހާރު މިގަނޑުވަރުގެ ދޮރުމަތީގައި ހިނގަމުންދަނީ ކޮންކަމެއްކަން އަޅުގަނޑަށް އެނގޭނެ ނަމައެވެ. ކަލާގެ ބައްޕާފުޅު އެއްވެސް ޚަބަރެއް ނުފޮނުއްވީ ކީއްވެގެން ބާވައެވެ؟

ماه بانو ވިދާޅުވިއެވެ. "ބައްޕާފުޅަށް ނުރައްކަލެއް އިޙްސާސް ކުރެއްވުނުނަމަ އެންގެވީސްކަން ޔަޤީނެވެ."

حسّان ވިދާޅުވިއެވެ. "ތިޔަ އެންގެވުން އަޅުގަނޑާ ހަމައަށް އަންނާނީ އެބައިމީހުން ގަނޑުވަރަށް ޙަމަލަދޭނެކަން ކަލާގެ ބައްޕާފުޅަށް ކަށަވަރުވެ ވަޑައިގަތުމުންނެވެ."

ماه بانو ވިދާޅުވިއެވެ. "ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ކަލާއަށް ފިލައިވަޑައިގަންނަވާނެ ދަނޑިވަޅު ލިބިވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަޤީނެވެ."

حسّان ވިދާޅުވިއެވެ. "ތިޔަ ވިދާޅުވިފަދަ ގޮތެއް ދިމާވެއްޖެނަމަ އަޅުގަނޑު ފިލައިގެނެއް ނުދާނަމެވެ. އެގޮތަކާ އެއްބަހެއް ނުވާނަމެވެ. އަޅުގަނޑު މިގެއިން ދާނީ މިގޭގެ އަހުލުވެރީން ޙިމާޔަތްކުރަން އަޅުގަނޑުގެ ބޭނުމެއް ނެތްކަން ޔަޤީންވެގެންނެވެ. ކަލާ އެނބުރިވަޑައިގަންނަވާށެވެ. އަޅުގަނޑު ދޮރޯއްޓާ ދިމާޔަށްގޮސް ޚަބަރު ބަލައިލާނަމެވެ."

"ނޫނެކެވެ! ނޫނެކެވެ!" ماه بانو حسّان ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "ކަލާގެ ހިތްވަރުފުޅު ގަދަކަމާމެދު ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް ކަލާއަކަށް އެފަރާތަކަށް ވަޑައެއް ނުގެންނެވޭނެއެވެ. ކަލާ سُهيل ގެ މަތިން ހަނދުމަފުޅުކުރައްވާށެވެ." حسّان އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަވަޅުވާން ފަށައިފިއެވެ. حسّان ދުނިދަނޑި ނަންގަވައި ދުންޏެއް ރުވައިލައްވައިފިއެވެ. އޭނާ ތައްޔާރުވެވަޑައިގެން ކަކޫފުޅުމައްޗަށް ތިރިވެވަޑައިގެން ހުންނެވިއެވެ. އޭނާ ގަސްތަކުގެ ލެނބިފައިވާ ގޮފިތަކުގެ ތެރެއިން އަނެއްފަރާތް ބައްލަވަން ފައްޓަވައިފިއެވެ. އިރުކޮޅަކުން ތެދުވެވަޑައިގެން ފަހަތަށް ޖެހިވަޑައިގެން ماه بانو ގެ އަރިހު ވިދާޅުވިއެވެ. "މިއަންނަނީ ކާއޫސެވެ. އަޅުގަނޑުމެން ހޯދަނީކަން ނޭނގެއެވެ. އޭނާ ހިނގާގޮތުން ހީވަނީ މިހާރަކު ނުރައްކަލެއް ނެތްހެންނެވެ."

ކާއޫސް މަޑުމަޑުން ماه بانو ގެ ނަންފުޅުން ގޮވައިލައިފިއެވެ. ދެބޭފުޅުން ގަސްތަކުގެ ނިވަލުން ނުކުމެވަޑައިގެންފިއެވެ. ކާއޫސް ޝަކުވާގެ ރާގެއްގައި ބުންޏެވެ. ތިޔަބޭފުޅުން ތިއްބަވަންވާނީ ބިންގަރާހުގެ ކައިރީގައެވެ. ތިޔަބޭފުޅުން ތިޔަވަޑައިގަތީ ކޮންތަނަކުންތޯއެވެ. ދެން އެތެރެއަށް ވެދެވަޑައިގަންނަވާށެވެ. ފާރަވެރިންގެ މޮޔަކަމުން ނޫންނަމަ އަޅުގަނޑުމެން މިހާކަންބޮޑުވާކަށެއް ނުޖެހުނީހެވެ."

ماه بانو ސުވާލުކުރެއްވިއެވެ. "ކަލޭ ތިޔަ ބުނީ ފާރަވެރީން އެއްވެސްކަމަކާނުލައި އަހަރެމެން ބިރުގަންނަވައިލީކަމަށް ހެއްޔެވެ؟

ކާއޫސް ދެންނެވިއެވެ. ބޭރުން އަސްތަކެއްގެ އަޑު އިވުމުން އެމީހުން ހީކުރީ ތޫރަޖުގެ މީހުން އައީކަމުގައެވެ. ބޭރުން އައި މީހުން ދޮރާށި ހުޅުވަން ބުނުމުން ޖަވާބެއް ނުދީ ނޯކަރުންނަށް ގޮވައި ހޭލެއްވީއެވެ. އަޅުގަނޑުގެވެސް މޮޔަކަމުން ވިސްނައިލުމަކާއި ނުލައި އަވަހަށް ދުވެގޮސް ސާހިބާއަށް ދެންނެވުނީއެވެ. ސާހިބާ ކޯފާވެގެން ދޮރޯށިދޮށަށް ވަޑައިގެން ބެއްލެވުމުން އެނގިވަޑައިގެންނެވީ އެއީ މަދާއިނުގެ ސިފައިންކަމެވެ. އެބައިމީހުން އައީ ކަލާގެ ބޭބޭފުޅުގެ އަރިހުގައެވެ."

"ބޭބޭފުޅު ވަޑައިގަތީހެއްޔެވެ؟ ماه بانو އޭނާގެ ހިތްޕުޅުން އުފާވެރިކަމުގެ ވިންދުތައް އިޙްސާސް ކުރައްވަމުން ވިދާޅުވިއެވެ. ކާއޫސް ދެންނެވިއެވެ. "ނޫނެކެވެ. އޭނާ ވަޑައިގަންނަވާނީ މާދަމާއެވެ. އޭނާ ވަޑައިގަތީ ކޮންމެވެސް ބޮޑުމީހެއްގެ ސިޓީއެއް ހިއްޕަވައިގެން ހުރުމުޒުގެ އަރިހަށެވެ. ޒަރުބަޚުތު ކޯރު ހުރަސްކުރެއްވުމުން އެނގިވަޑައިގަތީ ހުރުމުޒު މިހިސާބުގަނޑުގައި ބުރުޖައްސަވަމުން ގެންދަވާކަމެވެ. މިއަދު އޭނާ މަޑުކުރައްވައިގެން ހުންނެވީ ތޫރަޖުގެ އަވަށުގައެވެ. އެހެންކަމުން ޒަރުބަޚުތު ގެއަށް ވަޑައިގަތުމުގެ ބަދަލުގައި ސީދާ ވަޑައިގަތީ ހުރުމުޒުގެ އަރިހަށެވެ. ޒަރުބަޚުތު ގެންނެވި ސިޓީފުޅުން ހުރުމުޒަށް ކުރި އަސަރުން އޭނާ ޒަރުބަޚުތު މިރޭ އޭނާގެ މެހުމާނަކަށް ބެހެއްޓެވީއެވެ. ޒަރުބަޚުތުގެ އަރިހުގައި ސިފައިންގެ އެހެން ދެމީހަކުވެސް އައެވެ. އެއީ މިހިސާބުގަނޑުގެ ދެމީހެކެވެ. އެބައިމީހުންގެ އަވަށް ވަނީ މިތަނާ އެއްމަންޒިލް ދުރުގައެވެ. ޒަރުބަޚުތު އެދެމީހުން އޭނާގެ އަރިހުގައި ނުބައިތިއްބަވައި މިގެއަށް ފޮނުއްވީއެވެ. އެމީހުން ބުނިގޮތުގައި ހުރުމުޒު ކަލާގެ ބޭބޭފުޅާ އެންމެފުރަތަމަ ވާހަކަ ދެއްކެވީ ވަރަށް ހަރުކަށިކޮށެވެ. ނަމަވެސް ސިފައިންގެ ވެރިޔާގެ ސިޓީފުޅު ވިދާޅުވުމަށްފަހު އޭނާގެ ގޮތްކޮޅު ބަދަލުވެއްޖެއެވެ.

ماه بانو ސުވާލުކުރެއްވިއެވެ. "މިހާރު އެމީހުން ދިޔައީހެއްޔެވެ؟"

"ކޮންބައެއްތޯއެވެ؟ ސިފައިންގެ ދެމީހުންތޯއެވެ؟ ނޫނެކެވެ. އެމީހުން ފަތިސްވަންދެން މިގޭގައި މަޑުކުރާނީއެވެ. އެބައިމީހުންނަށް މަގުއޮޅިގެން މިގެ ފަސްދީ އެތައްތަނަކަށް ދިއުމަށްފަހު އެނބުރި އައީ ވަރަށް ޙާލުގައި އުޅެފައެވެ. އެބައިމީހުން ވަރުބަލިވެފައި ތިބިވަރުން ސާހިބާއާއި ވާހަކަދެއްކިއިރުވެސް ތިބީ ތާއްޔާޖެހިޖެހިއެވެ." ماه بانو حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ހިންގަވާށެވެ."

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި ދެން ރަނގަޅުވާނީ އަޅުގަނޑު ދަތުރު ފެށުމެވެ."

ކާއޫސް ބުންޏެވެ. "ނޫނެކެވެ. ނޫނެކެވެ. މިވަގުތަކު ކަލާއަކަށް ވަޑައެއް ނުގެންނެވޭނެއެވެ. ސާހިބާ އަޅުގަނޑު ފޮނުއްވީ ކަލާ ބަލައެވެ. އޭނާ ވިދާޅުވީ ކަލާ ޒަރުބަޚުތާ ބައްދަލުކުރައްވައިފައި ވަޑައިގަތުމަށެވެ. މާދަމާ އޭނާ ގެއަށް ވަޑައިގަންނަވާނެއެވެ."

حسّان ދެފިކުރުމަތީ ހުންނަވައި ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ماه بانو އެއްވެސް ފަސްޖެހިވަޑައިގަތުމަކާނުލައި ކާއޫސާ ދިމާޔަށް ވިދާޅުވިއެވެ. "حسّان މިއަދަކު ވަޑައެއް ނުގަންނަވާނެއެވެ. ކަލޭ ގޮސް އަސް ބަލަހައްޓާ މީހާގާތު حسّان އަށް އިންތިޒާރު ނުކުރާށޭ ބުނާށެވެ."

އެންމެ ރަނގަޅެވެ. "ކަލާ ބިންގަރާހުގެ ދޮރު ބަންދުކުރައްވާށެވެ. އަޅުގަނޑު އަނެއްފަރާތުން ދޮރާށި ހުޅުވަފާނަމެވެ." ކާއޫސް މިހެން ބުނެފައި އެތަނުން ހިނގައްޖެއެވެ.

ماه بانو ވިދާޅުވިއެވެ. "ހިންގަވާށެވެ!" حسّان އެއްވެސް ޖަވާބެއް ނުދެއްވައި ماه بانو ގެ އަރިހުގައި ވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން ދެބޭފުޅުން ބިންގަރާހަށް ވެދެވަޑައިގެންފިއެވެ. ماه بانو ދޮރުލެއްޕެވުމަށްފަހު ބައްތީގެ އަލީގައި حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާ ބޭނުންފުޅީ މިހާރު ވަޑައިގަންނަވަންތޯއެވެ؟"

(ނުނިމޭ)