ދިރާގު

ސާއިދުގެ ކާމިޔާބީ ފާހަގަކޮށް ދިރާގުން 100،000 ރުފިޔާ ދީފި

އާނިފާ ހުސެއިން ސިރާޖް

ސައުތު އޭޝިއަން ގޭމްސްގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު، ހަސަން ސާއިދު ހޯދި ކާމިޔާބީ ފާހަގަކޮށް އެކުންފުނީން އޭނާގެ އަގުވަޒަންކޮށްފި އެވެ.

ނިމިދިޔަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ދުވެ، ސާއިދު ވަނީ އެއްވަނަ ހޯދާފައެވެ. މިއީ ވޭތުވެދިޔަ 35 އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

ސާއިދުގެ އެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ދިރާގުގެ ހެޑް އޮފީހުން މަރުހަބާ ކިޔާފައި ވަނީ އޮރެންޖު ކާޕެޓުގައެވެ. އެ ކުންފުނިން ވަނީ ސާއިދުގެ ތާރީހީ ކާމިޔާބީއަށް ހިތްވަރުދިނުމުގެ ގޮތުން 100،000 ރުފިޔާ ވެސް ހަދިޔާކޮށްފައެވެ. އަދި ދިރާގު ސުޕަ ފާސްޓް 5ޖީ ނެޓްވޯކުގެ ހިދުމަތް ތަޖުރިބާކޮށްލުމަށް، 5ޖީ މޯބައިލް ހޭންޑްސެޓެއްވެސް ވަނީ ސާއިދުއަށް ދިރާގުގެ ފަރާތުން ހަދިޔާކޮށްފައެވެ.

ސާއިދުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ ބްރޭންޑް އެމްބެސެޑާއެއްގެ ގޮތުގައި ސާއިދު ހުރުމަކީ ލިބޭ ފަހުރެއް ކަމަށާއި ސާއިދު ވަނީ ވޭތުވެދިޔަ ހަތަރު އަހަރުވެސް ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ކަމަށެވެ. އަދި ސާއިދު މިއަހަރުގެ ސައުތު އޭޝިއަން ގޭމްސުން އެ ހޯދި ކާމިޔާބީއަކީ މުޅި ގައުމުވެސް ފަހުރުވެރިވާ ކާމިޔާބެއް ކަަމަށް އޭނާ ވިދާޅުވިއެވެ.