ވިޔަފާރި

މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019ގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މަރިޔަމް ޝަހުދާ

ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެންބީއޭއެމް)ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019ގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން އިން ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށްގެން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ''ވަން އޮންލައިން'' ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ވަން މީޑިއާގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) އެވެ. އަދި އެންބީއޭއެމް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ އެސޯސިއޭޝަންގެ ޕްރެސިޑެންޓް އިބްރާހީމް ޝާހިދު އެވެ.

މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ބޯޓިންގް އެވޯޑްސް އަކީ 2014 ވަނަ އަހަރުން ފަށައިގެން އެންބީއޭއެމްގެ ފަރާތުން ބާއްވަމުން އަންނަ ބޯޓިންގް އެވޯޑްސްގެ ފަސްވަނަ އެވޯޑު ހަފުލާއެވެ. މި އެވޯޑުގެ މަގުސަދަކީ ރާއްޖޭގައި ބޯޓިންގް ދާއިރާގައި ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުން ކަމަށް ބޯޓިންގް އެސޯއިއޭޝަނުން ބުނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖައްސާފައިވަނީ އެވޯޑު ދިނުމަށް ހަމަޖައްސާފައިވާ ކެޓަގަރީތަކުން އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ، އެ ކެޓަގަރީއަކުން އެންމެ ރަނގަޅު ފަރާތްތަކަށް ކަމަށް ބޯޓިންގް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މި އެވޯޑު ހަފުލާގައި 39 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހު 23ގައި ދަރުބާރުގޭގައެވެ.