ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. މަޖިލީހުން މި ނިންމުން ނިންމައި ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ޖޭއެސްސީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި، ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 12:00 ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެވޭނީ 30 އަހަރުން މަތީގެ މީހުންނަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.