ވިޔަފާރި

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭ ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހުންނަ ރެޓާނަސް އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ އެ ސެންޓަރު ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިންރާހީމް އަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމޮތީ ސޯޔާއެވެ. މިއީ މާލެ ސަރަހައްދުގައި ބީއެމްއެލް އިން ހުޅުވި ދެވަނަ ބިޒްނަސް ސެންޓަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ ހުޅުމާލޭގައި މިރޭ ހުޅުވި ބިޒްނަސް ސެންޓަރަކީ ކުދި އަދި މެދު ވިޔަފާރި (އެސްއެމްއީ) ތަކަށް ހާއްސަކޮށްގެން ހުޅުވި ސެންޓަރެއް ކަމަށާއި އެ ސެންޓަރުން އެފަދަ ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު ބިޒްނަސް ބޭންކިން އަދި އެހެން ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެގޮތުން އެ ސެންޓަރަށް ހިދުމަތް ހޯދަންދާ އެސްއެމްއީ ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ޓިމް ވިދާޅުވިއެވެ.

އެސްއެމްއީ ވިޔަފާރިތަކުގެ އިތުރުން، އެހެން ކަސްޓަމަރުންނަށް ވެސް ބިޒްނަސް ސެންޓަރުން ހިދުމަތް ހޯދޭނެ ކަމަށް ޓިމް ވިދާޅުވިއެވެ. އެގޮތުން ހައުސިން އާއި ގުޅޭ ހުރިހާ ކަމެއްގައި ލޯނަށް އެދުމަށް ފޯމު ފުރުމުގެ އިތުރުން އަމިއްލަ އެކި ކަންކަމަށް ލޯނަށް އެދުމަށް އެޕްލިކޭޝަން ފުރުމަށް ބިޒްނަސް ސެންޓަރުން އެހީވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވަނީ، ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. އަދި ބީއެމްއެލް އިން މިރޭ ހުޅުވިފަދަ ބިޒްނަސް ސެންޓަރުތަކަކީ ގައުމު ކުރިއެރުވުމުގައި ބޭނުންތެރި ތަންތަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްގެ ބިޒްނަސް ސެންޓަރުގެ ފުރިހަމަ ބޭނުން ކުރެވޭނެ ކަމަށެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ބީއެމްއެލްގެ ބިޒްނަސް ސެންޓަރަކީ އެ ބޭންކުން ރާއްޖޭގައި ހުޅުވި އެފަދަ ތިންވަނަ ސެންޓަރެވެ. ބީއެމްއެލްއިން މީގެ ކުރިން ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފައެވެ.