ޚަބަރު

ކައުންސިލުތަކަށް އަންހެނުންނަށް ޔަގީން ގޮނޑީގެ އަދަދު 384 އަށް

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީން ވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.

މި އަދަދަކީ ރަށު ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި އިންތިހާބު ކުރަންޖެހޭ 179 މީހުންނާއި ތިން ސިޓީގެ މޭޔަރުންގެ ގޮތުގައި އިންތިހާބުކުރަންޖެހޭ މީހުން ހިމަނައިގެންނެވެ.

ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި އިންތިހާބުކުރާ މީހުން ނުހިމަނައި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް 372 މީހުން އިންތިހާބު ކުރާނެއެވެ. އެެ އަދަދުގެ ތެރެއިން ކައުންސިލުތަކަށް އިންތިހާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ ވެސް 372 އެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުން ނުހިމަނައި ސިޓީ ކައުންސިލަރުންގެ ގޮތުގައި 24 މީހުން އިންތިހާބު ކުރާއިރު، އަންހެން ކައުންސިލަރުންގެ ގޮތުގައި ސިޓީތަކަށް އިންތިހާބުކުރާނީ 12 ކަނބަލުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލުތަކުން އަންހެނުންނަށް 384 ގޮނޑި ޔަގީންވާނެއެވެ.

ކައުންސިލްތަކުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ގޮނޑިތަކެއް ޔަގީންވެފައިވަނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސް ތަސްދީގު ކުރެއްވި އެ ބިލުގައި ބުނެފައިވާ ގޮތުން، 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެނުންނަށެވެ.

އަދި 3،000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ވާންޖެހޭނީ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.