ޚަބަރު

ރާއްޖޭގައި "އަވަރ އޮފް ކޯޑު" ފާހަގަކޮށްފި

މުހައްމަދު ޝަހީމް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި "އަވަރ އޮފް ކޯޑު" ފާހަގަކޮށްފިއެވެ.

ރަސްމީ ސިފައެއްގައި ސަރުކާރުން މިއަހަރު މިވަނީ މިނިސްޓްރީން ގާއިމުކޮށްފައިވާ "ކޯޑް ކްލަބް މޯލްޑިވްސް" މެދުވެރިކޮށް ރާއްޖޭގައި އަވަރ އޮފް ކޯޑް ހަރަކާތުގައި ބައިވެރިވެފައެވެ. އަދި މި ތަޖުރިބާގެ އަލީގައި ގައުމީ ފެންވަރެއްގައި 2020 ވަނަ އަހަރު މި ހަރަކާތް މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ އަވަރ އޮފް ކޯޑު ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އެއް ހަފްތާގެ މުއްދަތަށް ދެމިގެންދާ ސެޝަންތަކެއް މިހާރު ކުރިއަށްގެންދާ ކަމަށެވެ. މި ސެޝަންތައް ފެށުނީ މިނިސްޓަރީއާއި، މނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލަތަކަށް ހާއްސަކުރެވިގެން ކަމަށާއި އަދި މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި، އާންމުނަށްވެސް އަވަރ އޮފް ކޯޑުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީގެ އަމާޒަކީ މި ހަފްތާ ތެރޭގައި 100 ކުދިންނަށް އަވަރ އޮފް ކޯޑުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ދެކޭ ގޮތުގައި ކޮންމެ ކުއްޖަކަށްވެސް އެންމެ ޅަފަތުން ފެށިގެން ބޮޑުވެގެން އަންނައިރު ކޯޑު ކުރުމުގެ ހުނަރު ލިބިގަތުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިނިސްޓްރީގެ އަމާޒަކީ ސްކޫލުތަކުގައި ކިޔަވަމުން އަންނަ 8 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް މި ފުރުސަތު ތަނަވަސްކޮށްދިނުމާއި އަދި ކޮމްޕިއުޓަރ ސައިންސްއަކީ މަޖާ، ފަސޭހައިން ދަސްކުރެވޭ، އެހާ އުނދަގޫކަމެއް ނޫންކަން ކުދިންނަށް ހާމަކޮށްދިނުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

"ކޯޑް ކުލަބް މޯލްޑިވްސް" އަކީ ކުޑަކުދިންނަށް ކޯޑިންގެ އިލްމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން ނަގާފައިވާ އިސްނެގުމެކެވެ. މި އިސްނެގުމުގެ ދަށުން އެކި އަތޮޅުތަކުގައި ވޮލަންޓިއަރުންނާއި، ސްކޫލުތަކާއި އަދި ބެލެނިވެރިންގެ އެހީގައި ކޯޑު ކުލަބުތައް ތައާރަފު ކުރެވިގެންދާނެ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ކޯޑު ކުލަބެއް އަދި ކޮންމެ ސްކޫލެއްގައި ކޯޑު ކުލަބެއް ގާއިމުކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

"އަވަރ އޮފް ކޯޑް" އަކީ ކޮމްޕިއުޓަރ ސައިންސް އެޑިއުކޭޝަން ވީކް އަދި މި ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ކޯލިޝަންގެ ފަރާތުން ދުނިޔޭގެ ފެންވަރުގައި ހިންގާ އެއް ގަޑިއިރުގެ ހަރަކާތެކެވެ.

2014 ވަނަ އަހަރުން ފެށިގެން ހިންގާ މި ހަރަކާތުގެ މަގުސަދަކީ ކިޔަވާ ކުދިންނަށް ކޮމްޕިއުޓަރ ސައިންސާއި ކޮމްޕިއުޓަރ ޕްރޮގްރާމިން ތައާރަފު ކުރުމެވެ. އެއް ގަޑިއިރުގެ މި ހަރަކާތުގައި ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުން ހަރަކާތްތެރިވެ 119،141 އިވެންޓް ރަޖިސްޓްރީ ކުރެވިފައިވެއެވެ. މިއީ މިގޮތަށް ދުނިޔޭގައި "އަވަރ އޮފް ކޯޑް" ބޭއްވޭ ހަވަނަ އަހަރެވެ.