ޔޫއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަން ލިވަޕޫލާއި ނަޕޯލީ ގަދަ 16އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނަޕޯލީން ޖާގަ ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕު އީ"ގެ މެޗުގައި ސަލްޒްބާގް އަތުން ލިވަޕޫލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅުގައި ލިވަޕޫލް އަދި ސަލްޒްބާގަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މުހައްމަދު ސަލާހާއި ސާޑިއޯ މާނޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސަލްސްބާގްގެ ކީޕަރު ސިކަން ސްޓެންކޮވިޗްއެވެ. އަދި ސަލްސްބާގްގެ ހުވަންގް ހީ ޗަން އާއި ޓަކޫމީ މިނަމީނޯ އާއި އާލިންގް ބްރޯޓް ހާލަންޑް ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

އޭގެ އިތުރުން މެޗުގެ 29 ވަނަ މިނެޓުގައި ލިވަޕޫލްގެ ސަލާހަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސަލާހަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ، ސަލްޒްބާގްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސާޑިއޯ މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނަބީ ކޭޓާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސަލްޒްބާގްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ލަނޑު ޖެހިތާ މިނެޓެއް ތެރޭ ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވަޑް ސަލާހެވެ. އޭނާ ޖެހި އެ ލަނޑަކީ ސަލްޒްބާގްގެ ކީޕަރު ސްޓެންކޮވިޗް ބޯޅަ ހޯދުމަށް ނުކުތުމާއެކު ހަނި އޭންގަލްއަކުން ކާމިޔާބުކުރި ރީތި ލަނޑެކެވެ.

ނަޕޯލީން ގަދަ 16ގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އީ"ގެ މެޗުގައި ގެންކް ބަލިކޮށްގެންނެވެ. އެ މެޗުން ނަޕޯލީ މޮޅުވީ ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ނަޕޯލީން ޖެހި އެ ތިން ލަނޑަކީ ވެސް އެޓީމުގެ ޕޮލެންޑް ފޯވަޑް އާކަޑިއުސްކް މިލިކް ކާމިޔާބުކުރި ލަނޑުތަކެކެވެ. މިލިކްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަސްވަނަ މިނެޓުގައެވެ. މިލިކްގެ ދެވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގައި ނަޕޯލީން ޖެހި ހަތަރުވަނަ ލަނޑު ވެސް ފެނިގެންދިޔައީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ނަޕޯލީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް ޑްރައިސް މާޓެންސްއެވެ.

ރޭގެ މެޗުތަކަކާއެކު "ގްރޫޕު އީ"ގެ ހުރިހާ މެޗެއް ވަނީ ނިމިފައެވެ. އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ލިވަޕޫލަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ނަޕޯލީއަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ ތިންވަނައިގައި ނިންމާލި ސަލްޒްބާގަށް ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ގެންކަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.