ޚަބަރު

13 އަހަރުގައި ވިހެއި ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި

ރޭޕްކުރުމުން ބަލިވެ އިނދެ، އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހިޔާލު ތަފާތު ވުމަކަށްފަހު ވަޅި އަޅައި ކަނޑަށް އެއްލާލި ހާދިސާގެ ތެރެއިންނެވެ. އެގޮތުން އެ ކުއްޖާއަކީ އެ ހާދިސާގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދު، ކައިވެނީގެ ނަމުގައި 12 އަހަރުގައި ރޭޕްކުރި ކުއްޖެއްކަން ވަނީ ހާމަވެފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 4:30 ހާއިރު ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 47 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެއް ކަމަށެވެ. އެ ދެ މީހުންނަކީ 13 އަހަރުގެ ކުއްޖާއާއި އޭނާގެ އާއިލާގައި ދެން ހިމެނޭ ފަސް ކުދިންގެ މައިންބަފައިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ބެލެވޭ އާއިލާއަކުން އެ އާއިލާގައި ހިމެނޭ ހަ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމުކޮށް ގެންގުޅެމުންދާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އެކުދިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވައި އެކުދިންނަށް އިހުމާލުވަމުންދާ މައްސަލައާ ގުޅިގެން އަނިޔާ ލިބެމުންދިޔަ ހަ ކުދިން މިހާރު ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ. އެ ކުދިންގެ ތެރޭގައި 13 އަހަރުގެ ކުއްޖާ އާއި އޭނާ ވިހެއި ދަރިފުޅު ވެސް ހިމެނެއެވެ.

ރޭޕްކުރުމުން ބަލިވެ އިނދެ 13 އަހަރުގައި އެކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ އާއި ހައްމާދުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އެކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ، ހުކުމް ކޮށްފައިވާ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.