މިނިސްޓަރު ޒަހާ ވަހީދު

ގާނޫނާ ހިލާފަށް އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަން ހުއްޓުވަން މަސައްކަތްކޮށް، މިސާލު ދައްކަންޖެހޭ: ޒަހާ

ގާނޫނާއި ގަވާއިދާ ހިލާފަށް އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ކަމާ ގުޅޭ ބައިނަލްއަގުވާމީ ތަފާތު މަސްރަހުތަކުގައި ހާއްސަ މަސައްކަތްތަކެއްކޮށް މިސާލު ދައްކަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކަން ހުއްޓުވުމަށް ފާއިތުވެދިޔަ ތަނުގައި އައްސޭރިފަށުގެ ގައުމުތަކުން އާރުކާޓީއެއްގެ ގޮތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމަކީ ވެސް ދިވެހިރާއްޖެ ފަދަ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މަސްވެރިކަމެއް، ސާފު މަސްވެރިކަމެއް ކުރާ ގައުމަކަށް އޮތް ބޮޑު ގޮންޖެހުމެއް. ހިތާމައަކީ ފަހަކަށް އައިސް، ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ވެސް މިފަދަ އަމަލުތައް ފާހަގަކުރެވިފައިވާކަން. މިއީ ދިވެހި މަސްވެރިން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިސްނާލަން ޖެހޭ ކަމެއް. ވީމާ، މިފަދަ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން މިކަމާ ގުޅޭ ބައިނަލްއަގުވާމީ ތަފާތު މަސްރަހުތަކުގައި ހާއްސަ މަސައްކަތްތަކެއްކޮށް، މިސާލު ދައްކަން ޖެހޭ ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ދިވެހިރާއްޖޭގައި ބާނާ މަހުން ދިވެހިރާއްޖެއަށް ލިބެންވީ މަންފާ، އެންމެ އެދެވޭ ގޮތެއްގައި ދިވެހިންނަށް އަދިވެސް ލިބެމުން ނުދާ ކަމަށާއި އެއީ މަސްވެރިކަމުގެ ސިނާއަތުގައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގައި ބާނާ މަސް ގަނޑުކޮށްގެން ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް އެންމެ އެކަށޭނެ އަދި ފައިދާ ހުރި ގޮތެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގައި ބާނާ މަސް ގަނޑުކޮށްގެން ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް އެންމެ އެކަށޭނެ އަދި ފައިދާ ހުރި ގޮތެއް ނޫން. އެހެންކަމުން ދިވެހިރާއްޖެއިން ބާނާ ހުރިހާ މަހެއް ދިވެހިރާއްޖޭގައި ޕްރޮސެސްކޮށް، އަގު އެއްކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. މިކަމަށް ސަރުކާރުގެ ވިސްނުންތަކެއް އެބަހުރި. މަސްގަންނަ ކުންފުނިތަކުގެ އަދަދު އިތުރުކުރުމާއި، ރަށު ފެންވަރުގައި މަސް ޕްރޮސެސްކުރެވޭ މިންވަރު އިތުރުކުރުމަކީ އަޅުގަނޑުމެންގެ މުހިންމު ސިޔާސަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި މަސްވެރިން އެ މަސްވެރިކަމަކަށް އިންތިހާއަށް ބަރޯސާވެފައިވާ ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު އަންގައިދޭ މިންގަނޑު މިއަދު ވަނީ ރަތް ދަރަޖައިގައި ގިންތިކުރެވިފައި ކަމަށާއި އެއީވެސް ދިވެހިރާއްޖޭގެ މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް އަލުން އިއާދަކުރުމަށްޓަކައި އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ހުރިހާ ގައުމަކުން މަސް ބާނާ މިންވަރު މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން މިއަދު ބާރުއަޅަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.