މޯލްޑިވްސް ބޯޓިން އެވޯރޑްސް

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ޕްރިންސިޕަލް ސްޕޮންސަރަކަށް ނިޕޯން ޕެއިންޓް މެރިން

ފަސްވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ޕްރިންސިޕަލް ސްޕޮންސަރަކަށް ނިޕޯން ޕެއިންޓް މެރިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ޕްރިންސިޕަލް ސްޕޮންސަރަކަށް ނިޕޯން ޕެއިންޓް މެރިން ހަމަޖެއްސުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ނިޕޯން ޕެއިންޓް މެރިންގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހެވެ. އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޝާހިދެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ، ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ ބޯޓިން އެވޯޑްސް ގާލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ބޯޓިން އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ މެމްބަރުންނަށެވެ. އެ އެސޯސިއޭޝަންގެ މެމްބަރަކަށް ވުމުގެ ފުރުސަތު ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި އެ އިންޑަސްޓްރީއާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބެއެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސް ދެނީ 29 ކެޓަގަރީއަކުންނެވެ. އެވޯޑު ދޭނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލުންދޭ 70 އިންސައްތަ މާކްސް އާއި، އޮންލައިން އަދި އެސްއެމްއެސް ވޯޓުން ލިބޭ 30 މާކްސްއަށް ބަލައިގެން ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ.