ކުއްލި ޚަބަރު

މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ، އޮތީ ފަޅު ގަރާޖެއްގެ ތެރޭގައި ހޭނެތިފައި

ކ. މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެއެވެ.

މިއަދު އަސުރުގެ ކުރިން ގެއިން ނުކުމެގެންދިޔަ ގޮތަށް މިރޭ އިރުއޮއްސުނު އިރުވެސް އެނބުރި ގެއަށް އައިސްފައިނުވާތީ ކައުންސިލުން ހޯދަމުންދިޔައީ އެރަށު / މުލީގެ ފާތިމަތު ޝިފްރާ މުހައްމަދު، 14 އަހަރެވެ. އެކުއްޖާ ގެއިން ނުކުމެގެންދިޔައީ އާއިލާ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުމަކާއެކު ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު "ވަން" އަށް ވިދާޅުވީ، ދާދި ދެންމެއަކު އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. ފެނިފައިވަނީ ރައްޔިތުންގެ ޕިކަޕުތައް ކުރިން ބާއްވަން ހަދާފައިހުރި ގަރާޖު ތެރޭގައި ހޭނެތިފައި އޮއްވާ ކަމަށާއި އަދި މިހާރު ހެލްތު ސެންޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައިވާ ކަމެއް ނުވަތަ އެތަނުގައި އޮތީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.