އެންމެ މީހެއްގެ ވެސް އިންސާނީ ހައްގަކަށް އަރައިގަތުމީ އެކަމުގެ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމެއް ކަމުގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިފްއަތު މިއަދު މިިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި އެންމެ މީހެއްގެ ނަމަވެސް އިންސާނީ ހައްގަކަށް އަރައިގަތުމަކީ އެންމެ މީހަކަށް ދެވޭ ނާއިންސާފެއް ނޫން ކަމަށް ރިފްއަތު ސިފަކުރެއްވިއެވެ. އަދި އެއީ މުޅި މުޖުތަމައަށް އެކަމުގެ ސަބަބުން އަސަރު ކުރާ ކަމެއް ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ މީގެ ކުރިން އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ކޮށްފައިވާ ކަންކަމުގައި ސަރުކާރުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުން އެފަދަ އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހަކީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑިސެމްބަރު 10 އެއްގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހަކީ އދ ގެ ޖެނެރަލް އެސެމްބްލީން އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ފާސްކުރުމާ ގުޅިގެން ފާހަގަކުރަން ފެށި ދުވަހެކެވެ.