ސިވިލް ކޯޓް

ފުޑް ކޯޓު މައްސަލައިގައި އެސްޓީއޯއަށް ނުވަ ލައްކަ ރުފިޔާ ދައްކަން ނިހާންގެ މައްޗަށް ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ހާބަރު ފުޑް ކޯޓުގެ އައުޓްލެޓަކަށް ކުއްޔަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ފުޑްކޯޓުގެ ޔުނިޓް 22 ކުއްޔަށް ހިފުމަށް ފަހު ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި، އެސްޓީއޯއިން ނިހާންގެ މައްޗަށް ދައުވާކުރީ، އެތަނުގެ ކުއްޔާއި ޖޫރިމަނާއަށް އަރާފައިވާ ފައިސާ ހޯދުމަށެވެ.

ފުޑް ކޯޓްގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ދައްކަންޖެހެ އެވެ. އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ 2018 އޮގަސްޓް މަހުން ފެށިގެން ނިހާން ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ނިހާންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ނިހާން އާއި އެސްޓީއޯއާ ދެމެދު 2018 އަހަރުގެ ޖޫން ހަތަރެއްގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފުޑްކޯޓުގެ ޔުނިޓް 22 ނިހާނަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާކަން އެނގޭ ކަމަށެވެ. އަދި އެއްބަސްވެފައިވާ ގޮތަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އާއި، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި މިއަހަރުގެ ޖޫން 16ގެ ނިޔަލަށް 893،901.97 ރުފިޔާ އާއި ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 65،460.28 ރުފިޔާއާ އެކު ޖުމްލަ 959،362.25 ރުފިޔާ ނިހާންގެ ފަރާތުން އެސްޓީއޯއަށް ދައްކަން ޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭ ވަރު، އެ މަހަކު ދައްކަމުން ގޮސް އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ނިހާންގެ މައްޗަށް އަމުރު ކުރާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.