ލައިފް ސްޓައިލް

ހޮޓާތަކުން ގޮދަޑި ވަގަށް ނެގުން އާންމު ކަމަކަށް

ފަސް ތަރީގެ ހޮޓަލަކުން ދާއިރު، ސޭމްޕޫ ސައިބޯނި ނުވަތަ، ޝަވާ ކެޕްސް އާއި ފައިވާން ގެންދިޔުމަކީ އާންމު ކަމެކެވެ.

ނަމަވެސް ބައެއް ގެސްޓުން މިވަނީ އެއަށް ވުރެ ބޮޑެތި އެއްޗެހި ގެންދަން ފަށާފައެވެ. އޭގެ ތެރޭގައި ގޮދަޑި އާއި ކޮފީ މެޝިން ހިމެނޭ ކަމަށް ހޮޓެލް އެންޑް ސްޕާ ރިވިއު ކުރާ ވެލްނެސް ހެވަން އިން ކުރި ދިރާސާއަކުން ދައްކައެވެ. މި ދިރާސާ ހެދުމަށް ފަސްތަރި އަދި ހަތަރު ތަރީގެ 1157 ހޮޓަލެއް އެޓީމުން ވަނީ ސާވޭގައި ހިމަނައިފަ އެވެ.

މި ދިރާސާގައި، 49 ހޮޓަލަކުން ވަނީ އެމީހުންގެ ގޮދަޑިތައް ވަގަށް ނަގާކަމަށް ބުނެފައެވެ. ވެލްނަސް ހެވަންގެ ސީއީއޯ ޓަސީލޯ ކެއިލްމަން ސީއެންއެންއަށް ދިން އިންޓަވިއުގައި ބުނީ އެމީހުނަށް ލިބިފައިވާ މައުލޫމާތުގައި ހޮޓާތަކުން ގޮދަޑި ވަގަށް ނަގަނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށެވެ.

"އެމީހުން ބުނީ އާންމުކޮށް އެކަން ހިނގަނީ ރޭގަނޑު ކަމަށް. އެގަޑީގަ ރިސެޕްޝަން ބަންދުވާނެތާ. އެގަޑީގަ މީހުންވެސް މަދުވާނެ. ބައެއް ސެކިއުރިޓީ ކެމެރާތަކަށް ގޮދަޑިތައް ގެންދާތަން އަރާފަވެސް އެބަހުރި" ޓަސީލޯ ބުންޏެވެ.

ތުވާލި، ބާތުރޯބް އަދި ކޮނޑަކީވެސް ލަގްޒަރީ ހޮޓާތަކުން ވަގަށް ނަގާ ތަކެތިކަމަށް ވެއެވެ. މީގެ އިތުރުން ބައެއް ހޮޓާތަކުން ޓެބްލެޓް ކޮމްޕިއުޓަރާއި ޓީވީ ސެޓުތައްވެސް ވަގަށް ނަގާކަމަށް ވެއެވެ. މިކަން އާންމުކޮށް ހިންގަނީ، ހިނގަނީ ޔޫރަޕާއި އޭޝިއާގެ ހޮޓާތަކުގައެވެ.

"އަސްލު ވަރަށް ހައިރާންވި. ހޮޓާތަކަށް ވަރަށް ފަސޭހަ ވާނެ ކޮންބައެއްކަން އެއްޗެހި ވަގަށް ގެންދަނީ ދެނެގަންނަން. ކޮންމެ ޗެކައުޓެއްގައި ހައުސް ކީޕިންނުން ބަލާނެ ރޫމް ތެރެ. އޭރުން ގޮދަޑި އަދި ޓީވީ ކަހަލަ ބޮޑެތި އެއްޗެހި މަދިއްޔާ އެނގިގެންދާނެ." ޓަސީލޯ ބުންޏެވެ.

ހަތަރު ތަރީގެ ހޮޓާތަކުގައި ބޮޑެތި މުދާތަކުގައި އެލާމް އަޅާކަހަލަ ޓެގެއްވެސް ހަރުކުރަމުން އަންނަ ކަމަށް ޓަސީލޯ ބުންޏެވެ. ނަމަވެސް ފަސް ތަރީގެ ހޮޓާތަކުން އެއްޗެއް ވަގަށް ނެގިޔަސް އެމީހުން ފުލުހުންނަށްވެސް މައްސަލަ ހުށަހަޅަން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ.

"ގިނަ ފަހަރު އެމީހުން ބޭނުމެއް ނުވޭ ފުލުހަށް މައްސަލަ ހުށަހަޅައިގެން އެކަން ބަލާކަށްވެސް. ބްރޭންޑް އިމޭޖް ހުތުރު ވެދާނެތީ އެކަންކަން ސިއްރު ކުރަނީ،" ޓަސީލޯ ބުންޏެވެ.

ވެލްނަސް ހެވަން އިން ވަނީ މި ދިރާސާގައި ހަތަރު ތަރީގެ 634 ހޮޓަލާއި ފަސް ތަރީގެ 523 ހޮޓާ އޮބްސާވް ކޮށްފައެވެ. އޭގެ ތެރެއިން އާންމުކޮށް ޓީވީ އާއި ޓެބްލެޓް އަދި ގޮދަޑި ވަގަށް ނަގާކަމަށް އެމީހުނަށް ފެނިފައިވަނި ފަސް ތަރީގެ ހޮޓާ ތަކުންނެވެ. ހަތަރު ތަރީގެ ހޮޓާތަކުން އާންމުކޮށް ގެއްލެނީ ބެޓެރީ އާއި ރިމޯޓް ކޮންޓްރޯލް ފާޑުގެ ކުދި ތަކެއްޗެވެ.

ޓަސީލޯ ބުނީ އިނގިރޭސި ހޮޓަލަކުން ގެސްޓެއްވަނީ އޭނާ ހުރި ކޮޓަރީގެ ނަންބަރު ޕްލޭޓްވެސް ވަގަށް ނަގާފައި ކަމަށެވެ.