ސައުތު އޭޝިއަން ގޭމްސް

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު ލޯ މެޑަލް ހޯދައި، ތާރީހުގެ ތެރެއަށް

ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖެއިން ލޯ މެޑަލް ހޯދީ ތިންވަނަ ހޮވުމަށް މިއަދު ހެނދުނު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ބޫޓާން ބަލިކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ 14-21 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ 27-49 ޕޮއިންޓުން ކުރީގައި އޮވެގެން ނިންމާލި އިރު، ތިންވަނަ ކުއާޓާ ނިންމާލީ 33-69 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އަދި ރާއްޖެއިން ފަހު ކުއާޓާ ނިންމާލީ 46-83 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

އަންހެން ބާސްކެޓް އިވެންޓުގައި ވާދަކުރަނީ ހަ ޓީމެވެ. އެ އިވެންޓުގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ. އެ ދެ ޓީމު ވެސް އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް އަންހެން ބާސްކެޓްބޯޅައިގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް ސެމީގައި ރާއްޖޭގެ ޓީމު ވަނީ ނޭޕާލް އަތުން ބަލިވެފައެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ރަން މެޑައްޔަކާއި ހަތަރު ލޯ މެޑަލް ހޯދައިފައެވެ. އޭގެ ތެރެއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް އާއި ލޯ މެޑައްޔެއް ހޯދައިފައެވެ. އަންހެން ބާސްކެޓް ޓީމުގެ އިތުރުން ދެން ލޯ މެޑަލް ހޯދީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމާއި އަންހެން ޓޭބަލް ޓެނިސް ޓީމުންނެވެ.