ޓެކްނޮލޮޖީ

އައިފޯން 12ގެ ހަތަރު މޮޑެލްއެއް، ޓަޗްއައިޑީ އެނބުރި އަންނަނީ

ފޯނު އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުނި، އެޕަލް އިން ގެންގުޅޭ ސަގާފަތް ބަދަލުކޮށް އަންނަ އަހަރު އައިފޯން 12ގެ ހަތަރު މޮޑެލެއް ނެރެދާނެ ކަމަށް ފަހުގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ނަމަވެސް އަޑުތައް ފެތުރިފައިވާ އައިފޯން އެސްއީ 2 އާއެކު އަންނަ އަހަރު އެޕަލް އިން ފަސް މޮޑެލެއް ވެސް ނެރުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެމެރިކާގެ މަލްޓިނޭޝަނަލް އިންވެސްޓްމަންޓު ބޭންކިން ކުންފުންޏެއް ކަމަށްވާ ޖޭޕީމޯގަންގެ އެނަލިސްޓު ސަމިތް ޗަތްތާރްޖީ ބުނާ ގޮތުގައި، އަންނަ އަހަރުގެ ފަހުކޮޅު އެޕަލް އިން އައިފޯން 12 އާއެކު ހަތަރު މޮޑެލެއް ނެރޭނެއެވެ. އެއީ 5.4 އިންޗި މޮޑެލް އަކާއި 6.1 އިންޗީގެ ދެ ފޯނު އަދި 6.7 އިންޗީގެ ފޯނެކެވެ. ހުރިހާ ފޯނަކީ ވެސް އޯލެޑް ޑިސްޕުލޭގެ ފޯނުތަކެވެ.

މި ފޯން ސައިޒުތަކަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފައިނޭންޝިއަލް ސާވިސް ގުރޫޕެއް ކަމަށްވާ، ޓީއެފް އިންޓަނޭޝަނަލް ސެކިއުރިޓީސްގެ އެނަލިސްޓު މިންގް ޗީ ކުއޯ ވެސް ބުރަވާ ސައިޒުތަކެވެ. އޭނާ ބުނާގޮތުން އެޕަލްގެ އައިފޯން 11 ޕްރޯގެ ސައިޒު ކަމަށްވާ 5.8 އިންޗީގެ ފޯނު އަންނަ އަހަރަކު ނުނެރޭނެއެވެ.

އެހެންކަމުން 5.4 އިންޗީގެ ފޯނާއި 6.1 އިންޗީގެ އެއް ފޯނު ވުން ގާތީ އަގުހެޔޮ ދެ ފޯނަށެވެ. އަދި އަގުބޮޑު ފޯނެއްގެ ގޮތުގައި އަންނަ އަހަރު ނެރޭނީ އައިފޯން 12 ޕްރޯގެ ގޮތުގައި ނެރޭނެ ކަމަށް ބެލެވޭ 6.1 އިންޗީގެ ފޯނަކާއި 12 ޕްރޯ މެކްސްގެ ގޮތުގައި ނެރޭނެ 6.7 އިންޗީގެ ފޯނެވެ.

ސައިޒުތަކުގެ އިތުރުން އަންނަ އަހަރު ނެރޭ އައިފޯން 12ގެ މޮޑެލްތައް ނެރޭނީ އާ ޑިޒައިނަކާއެކު 5ޖީ ސަޕޯޓްކުރާ ފޯނުތަކެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަގުބޮޑު ދެ ފޯނުގައި (12 ޕްރޯ އަދި 12 ޕްރޯ މެކްސް)ގައި މިހާރުގެ އައިފޯނުގައި ހިމެނޭ ކެމެރާއަށްވުރެ އެޑްވާންސް ކެމެރާއެއް ހިމެނޭނެ ކަމަށް ބެލެވޭއިރު، އައިފޯން 12 މޮޑެލްތަކުގައި ހިމެނެނީ ޑުއަލް ކެމެރާއެވެ.

އައިފޯން 12 އާގުޅޭ ގޮތުން އެންމެ ފަހުން ނެރެފައިވާ ރިޕޯޓްތައް ބުނާ ގޮތުން، އަންނަ އަހަރު އެޕަލް އިން ނެރޭ ފޯނުތަކުގެ ތެރެއިން މަދުވެގެން އެއް ފޯނުގައި ކުއަލްކޮމްގެ އަލްޓްރާސޮނިކް ފިންގާޕުރިންޓް ސްކޭނާ ހިމެނޭނެއެވެ.

މި ފީޗާއަކީ ގެލެކްސީ އެސް10 އަދި ނޯޓް10 ފަދަ އެންޑުރޮއިޑް ފޯނުތަކުގެ ސްކްރީނުގައި މިހާރު ވެސް ހިމެނޭ ފީޗާއެވެ. ނަމަވެސް މި ހަފުތާ ތެރޭގައި ކުއަލްކޮމް އިން ވަނީ ތުރީޑީ ސޮނިކް މެކްސްގެ ނަން ދީފައިވާ 30×20 އެމްއެމްގެ އިން ސްކްރީން ރީޑާއެއް ތައާރަފު ކޮށްފައެވެ. އެހެންކަމުން އެ ފީޗާ އެޕަލް އިން އަންނަ އަހަރު ނެރޭ ފޯނުތަކުގައި ހިމެނުން ގާތެވެ.