އާސެނަލް

އާސަނަލްގައި ހުރީ އުފަލަކުން ނޫން، ބޭނުންވީ އާއިލާއާއެކު އެނބުރި ގައުމަށް ދާން: ކޮޝިއެލްނީ

އާސެނަލްގައި ހުރީ އުފަލުގައި ނޫން ކަމަށާއި އެ ކްލަބު ދޫކޮށްލަން ޖެހުނީ އާއިލާއާއެކު އެނބުރި ގައުމަށް ދާން ބޭނުންވެގެން ކަމަށް އެކްލަބުގެ ކުރީގެ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ ބުނެފިއެވެ.

ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު، ނުވަ އަހަރަށްފަހު އާސެނަލް ދޫކޮށް ފްރާންސްގެ ބޯޑޭޔުކްސްއާ ގުޅުނީ މިސީޒަނުގައެވެ. އާސެނަލްގެ ޖާޒީގައި އޭނާ ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން އާސެނަލް ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ.

ކޮޝިއެލްނީ އާސެނަލް ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފެށީ ޔޫރޮޕާ ލީގުގެ ނާކާމިޔާބީއަށް ފަހު، މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއަށް އާސެނަލް ކުރި ދަތުރުގައި ކޮޝިއެލްނީ ބައިވެރިނުވުމުންނެވެ.

"އަހަރެންނަށް އެނގޭ އާސެނަލްގެ ސަޕޯޓަރުން އަހަރެން ކްލަބު ދޫކޮށް ދާން ބޭނުންނުވާނެ ކަން. އެއީ އެއްވެސް މީހަކު އުންމީދުކުރި ގޮތެއް ނޫން. އެކަމަކު އަހަރެން އާސެނަލަށް ސޮއިކުރި ދުވަހާ އެއްގޮތަށް އުފަލަކުން ނޫން ކްލަބުގައި ހުރީ. އަހަރެން ބޭނުންވީ އާއިލާއާއެކު އެނބުރި ގައުމަށް ގޮސް، އާ ޗެލެންޖަކާ ކުރިމަތިލާން،" ފްރާންސްގެ "ކެނަލް ޕްލަސް" ޗެނެލަށް ދިން އިންޓަވިއެއްގައި ކޮޝިއެލްނީ ބުންޏެވެ.

އާސެނަލްގެ އާ ކެޕްޓަން ޕިއެރޭ އެމެރިކް އޮބަމަޔާންއަށް ކޮޝިއެލްނީ ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އުނދަގޫ ދަނޑިވަޅެއް ނަމަވެސް، އަބަދުވެސް އެދެނީ އާސެނަލަށް ކާމިޔާބަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އާސެނަލްގެ ދަށް ނަތީޖާތަކުގެ ސަބަބުން މިދިޔަ މަހުގެ ފަހުކޮޅު އެކްލަބުން ވަނީ ކޯޗުކަމުގެ މަގާމުން އުނާއީ އެމެރީ ދުރުކޮށް، ކުރިން އެ ކްލަބަށް ކުޅުނު ސްވިޑަން ލެޖެންޑް ފްރެޑީ ލިއުންބާގްއާ މަގާމު ހަވާލުކޮށްފައެވެ. ނަމަވެސް ލިއުންބާގްގެ އިރުޝާދުގެ ދަށުން ވެސް މިހާތަނަށް އާސެނަލަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު އާސެނަލް އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެޓީމަށް 15 މެޗުން ހޯދިފައިވަނީ 19 ޕޮއިންޓެވެ.