އޮލެ ގުނާ ސޯލްޝެއާ

ލިންގާޑުގެ މޮޅު ކުޅުމަށް އެނބުރި އައުމުން ވަރަށް ހިތްހަމަޖެހޭ: ސޯލްޝެއާ

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑުގެ މޮޅު ކުޅުމަށް އެނބުރި އައުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ބުނެފިއެވެ.

މިސީޒަނުގައި ލިންގާޑަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލިންގާޑް ކުޅުނު 20 މެޗުގެ ތެރެއިން އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި އޭނާއަށް ހެދިފައިވަނީ އެއް އެސިސްޓެވެ. އެ 20 މެޗުގެ ތެރޭގައި ހަ ޕްރިމިއާ ލީގު މެޗުގެ ފުރަތަމަ 11ގައި އޭނާ ކުޅުނެވެ.

އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ފުރަތަމަ 11ގައި ހިމެނި، ލިންގާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ދެ މެޗު ވެސް ޔުނައިޓެޑުން ވަނީ ކާމިޔާބުކޮށްފައެވެ.

"ކޮންމެ މީހަކު ވެސް ކުރިމަތިލާން ޖެހޭނެ ކަންތައްތަކެއް ހުންނާނެ. ލިންގާޑަށް ކުރިމަތިލާން ޖެހިފައިވާ ކަމަކީ އަހަރެމެންގެ މެދުގައި އޮތް ކަމެއް. އޭނާ އެނބުރި އައުމުން ވަރަށް އުފާކުރަން. އޭނާއަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް،" ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުންޏެވެ.

ލިންގާޑްގެ ކުޅުން ދަށްވުމުގެ ސަބަބުން އޭނާއަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ނަމަވެސް އެކަމުން ވެސް ލިންގާޑަށް އަރައިގަނެވޭނެ ކަމަށް ސޯލްޝެއާ ގަބޫލުކުރެއެވެ.