ރަޝިޔާ

މަނާ ބޭހުގެ މައްސަލައިގައި މަކަރު ހެދިކަން ސާބިތުވެ، ރަޝިއާއަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް

މަނާ ބޭހުގެ މައްސަލައިގައި މަކަރު ހެދިކަން ސާބިތުވެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ރަޝިއާއަށް ކުރިއަށްއޮތް ހަތަރު އަހަރު ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ވާދަނުކުރެވޭ އެގައުމު ސަސްޕެންޑްކޮށްފިއެވެ.

މަނާ ބޭހުގެ މައްސަލައިގައި ވާޑާ އިން ރަޝިއާއަށް ކުރިއަށްއޮތް ހަތަރު އަހަރު ކުޅިވަރު މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކުރުމުން އަންނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް އާއި 2022ގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ރަޝިއާއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ވާޑާ އިން އެ ނިންމުން ނިންމާފައިވަނީ މިއަދު ސްވިޒަލެންޑްގައި ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. އެގްޒެކެޓިވް ކޮމިޓީން އެ ނިންމުން ނިންމާފައިވަނީ ރަޝިއާގެ އެންޓި ޑޯޕިން އެޖެންސީ (ރުސާޑާ) އިން ލެބޯޓަރީ ޑާޓާ އޮޅުވާލާފައިވާ ކަމަށް ސާބިތުވުމުންނެވެ.

ރަޝިއާ އިން ޓެސްޓުތައް ބަދަލުކޮށް، އޮޅުވާލާފައިވާ ލެބޯޓަރީ ޑާޓާތަކަކީ ރަޝިއާގެ ސަރުކާރުގެ އެއްބާރުލުމާއެކު މީގެ ކުރިން ހެދި މަކަރަކާ ގުޅިގެން ކުރި ސަސްޕެންޝަނަށްފަހު 2018ގައި އެގައުމުން ވާޑާއަށް ހުށަހަޅަން ޖެހުނު ޑާޓާތަކެވެ. ރަޝިއާ އިން ވާޑާއަށް އެ ޑާޓާތައް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

އެ ސަސްޕެންޝަން އިސްތިއުނާފުކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އަށް ހުށަހެޅުމަށް ރަޝިއާގެ ޑޯޕިން އެޖެންސީއަށް ވާޑާ އިން ވަނީ 21 ދުވަހުގެ މުހުލަތެއް ދީފައެވެ.

ކުޅިވަރު މުބާރާތްތަކުން ހަތަރު އަހަރަށް ރަޝިއާ ސަސްޕެންޑްކުރުމަށް ނިންމި ނަމަވެސް، އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެގައުމަށް ވާދަކުރެވޭނެއެވެ. އެ މުބާރާތުގައި ރަޝިއާއަށް ބައިވެރިވެވެނީ ޔޫރޯ މުބާރާތް އިންތިޒާމުކުރާ ޔޫއެފާއަކީ ވާޑާގައި ކްލެސިފައިކޮށްފައިވާ ޖަމިއްޔާއަކަށް ނުވާތީއެވެ.