ކުއްލި ޚަބަރު

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އޭޖީން ފުލުހުންނަށް ހުށަހަޅައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ )ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އޭޖީ އޮފީހުން ފުލުސް އޮފީހުގައި އެދިއްޖެއެވެ.

މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އޭޖީން އެދިފައި މިވަނީ، ރާއްޖޭގެ ސަރަހައްދުތަކެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޫމަޑިއާއެކު ސޮއިކުރި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ނިންމުމުގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިމަހު ފާސްކޮށްފައި ވަނިކޮށެވެ.

އޭޖީ އޮފީހުން ބުނީ، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލަ ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމުމުގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުން އޮތްއިރު، ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކާފައިވާކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަން ބަޔާން ދެއްވުމަށްފަހު އަލުން ބަޔާން ބަދަލު ކޮށްފައިވާކަން ވެސް އޭޖީން ފާހަގަކުރެއެވެ.

އަދި ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދިނުމަކީ އާބިޓްރޭޝަންގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.

"ނޫމަޑި މައްސަލާގައި މުއިއްޒު އަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަމަހަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދެއްވުމަށް ފުލުސް އޮފީހުގައި ވަނީ އެދިފައެވެ،" އޭޖީގެ ބަޔާނުގައިވެއެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.

އެ މައްސަލައިގައި ބަދަލުހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓަކަށެވެ. ބަދަލެއްގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުި ނަމަވެސް، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު،ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކަން ނިންމީއެވެ.