އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 15

އަބްދުﷲ ފާރޫގް ހަސަން

1

ހުންފުޅު ވިހެލިފަހުން حسّان ގެ ޒަޚަމުގެ ދިލަވެސް ދުވަހެއް ދުވަހަކަށް އައީ މަޑުވަމުންނެވެ. ދެވަނައަށްވީ ހަފްތާގައި އޭނާއަށް ހިންގަވައި އުޅުއްވޭވަރު ވެއްޖެއެވެ. سُهيل ގެ ޒަޚަމުވެސް މަޑުމަޑުން އަންނަނީ ފުރެމުންނެވެ. އޭނާގެ ހުންފުޅުވެސް މަޑުވާން ފަށައިފިއެވެ. ނަމަވެސް އޭނާގެ ވަރުފުޅު ދެރަކަމުން އެނދުން ތެދުވެވަޑައިގަންނަވާއިރުވެސް ފައިންޕުޅު ތުރުތުރު އަޅައެވެ.

حسّان އާލާސްކަންފުޅާ އުޅުއްވިއިރު ماه بانو އާއި އޭނާގެ ބައްޕާފުޅު ގިނަވަގުތު ހޭދަކުރެއްވީ އޭނާގެ ޙާލުކޮޅު ބެއްލެވުމުގައެވެ. حسّان ބޭރުގެ ޚަބަރު އެއްސެވުމުން އެބޭފުޅުން އޭނާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވޭތޯ ބައްލަވައެވެ. އޭނާއަށް އެއްވެސް ނުރައްކަލެއްނެތް ކަމުގައި ވިދާޅުވެއެވެ. ނަމަވެސް އަބަދުވެސް އޭނާ ނުހަނު ކަންބޮޑުވެވަޑައިގަތުމާއެކު ވިދާޅުވަމުން ގެންދަވައެވެ. "އަޅުގަނޑަށް މިފަދަ ބޮޑު އުނދަގޫފުޅެއް ތިޔަބޭފުޅުންނަށް ނުޖެއްސުނު ނަމައެވެ. އަޅުގަނޑަކީ ތިޔަބޭފުޅުންނަށް ބޮޑު ބަރަކަށް ވާނެކަން އެނގުނުނަމަ އަޅުގަނޑުގެ ގެ ވީރާނާވެފައިވާތަން ފެނުނުކަމުގައިވިޔަސް ތޫރަޖުގެ އަވަށާ ދިމާއަކަށް ނުދިޔައީމުހެވެ. ހުން ވިހެލާއިރަށް އަޅުގަނޑު މިގެއިން ހިނގައިދާނަމެވެ. މިހާރު އަޅުގަނޑުގެ ހުންމަޑެވެ. ޒަޚަމުގެ ރިހުންވެސް ކުޑައެވެ. އަޅުގަނޑު އެކަނިދާން ޖެހިއްޖެނަމަ ތިޔަބޭފުޅުން سُهيل ބަލަހައްޓަވައިދެއްވުން އެދެމެވެ. އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އަޅުގަނޑު އައުމަކީ ތިޔަބޭފުޅުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާނަމަ سُهيل ގެންދެވޭނެ އެހެންގޮތެއް އަޅުގަނޑު ހޯދާނަމެވެ."

ނަމަވެސް އޭނާ سُهيل އާ ދިމާއަށް ބައްލަވައިލައްވާއިރަށް އޭނާގެ ހުރިހާ ޢަޒުމަކަށް ގުޑުން އަރައެވެ. حسّان ހައްޔަރުވެވަޑައިގެންފިނަމަ ކުރިމަތިވާނެ ހުރިހައި ނުރައްކަލެއް سُهيل އަށް ވިސްނިވަޑައިގަންނަވައެވެ. އެތައްދުވަހެއްވާއިރުވެސް އޭނާއަށް ދަތުރުކުރެއްވޭވަރެއް ނުވާނެކަންވެސް سُهيل އަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން حسّان سُهيل އަށް ނަސޭހަތްދެއްވަން ފައްޓަވާއިރަށް سُهيل ވިދާޅުވެއެވެ. ބޭބެ އަޅުގަނޑަށްޓަކައި މިތާނގައި މަޑުނުކުރައްވާށެވެ. ތޫރަޖުގެ މީހުން މިތަނަށް އަޔަސް އަޅުގަނޑު ޤަތުލުކުރާނެކަމުގެ ނުރައްކަލެއް ނެތެވެ. ނަމަވެސް ބޭބެގެ މައްސަލަ އަޅުގަނޑާ ވަރަށް ތަފާތެވެ. އެބައިމީހުން އަޅުގަނޑު ހައްޔަރުކޮށްގެން ގެންދިޔަ ކަމުގައިވިޔަސް ބޭބެ ކޮންމެވެސް ދުވަހަކުން އެބައިމީހުންގެ އަތްދަށުން އަޅުގަނޑު ސަލާމަތްކުރައްވާނެކަމުގެ އުއްމީދުގައި އަޅުގަނޑަށް ދިރިހުރެވިދާނެއެވެ. ނަމަވެސް އެބައިމީހުން ބޭބެ ޤަތުލުކޮށްފިނަމަ އެންމެ ދުވަހަކުވެސް އަޅުގަނޑަކަށް ދުނިޔެއަކު ނުހުރެވޭނެއެވެ. حسّان ވީހައިވެސް އަވަހަކަށް އެގެއިން ވަޑައިގެންނެވުމަށް سُهيل އޭނާ ލައްވައި ވަޢުދު ކުރުއްވައެވެ. ބައެއްފަހަރު ތުންފިއްތަވައިގެންނެވެ. އަނެއްބައިފަހަރު ކަރުނަ އޮއްސަވައިގެންނާއި ގިސްލައްވައިގެންނެވެ. ނަމަވެސް ބައެއްފަހަރު ދަމެއްހައިއިރުން ނުވަތަ އެއްދުވަސްފަހުން حسّان އަށް އިޙްސާސް ކުރެއްވެނީ އޭނާގެ ޢަޒުމަށް ބަދަލު އަންނަކަމެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ތަންކޮޅެއް ގިނައިރުވަންދެން حسّان ހިންގަވާލައްވަން ބޭރުގައި އުޅުއްވިއެވެ. އޭނާ އެނބުރިވަޑައިގެންނެވިއިރު ބިންގަރާސް ކޮޓަރީން ماه بانو އާއި سُهيل ވާހަކަފުޅުދައްކަވާ އަޑުފުޅު އިވިވަޑައިގެންފިއެވެ. އޭނާ ކުރިޔަށް ވަޑައިގަތުމުގެ ބަދަލުގައި سُهيل އާއި ماه بانو އާ ދެބޭފުޅުން ދައްކަވާ ވާހަކަފުޅު އަޑުއައްސަވަން އެތާނގައި މަޑުކޮށްލައްވައިގެން ހުންނެވިއެވެ.

ماه بانو ވިދާޅުވިއެވެ. "سُهيل އެވެ! ކަލާ ތިޔަ ހާލުކޮޅުގައި އޮންނަވަނިކޮށް ދޫކޮށްލައްވައިފައެއް ކަލާގެ ބޭބެ ވަޑައެއްނުގަންނަވާނެއެވެ. މިތާނގައި سُهيل އަށް އެއްވެސް ނުރައްކަލެއް ނެތޭ އަޅުގަނޑު އެއްހާސްފަހަރު ދެންނެވިޔަސް އޭނާއަށް އިތުބާރެއް ނުކުރެއްވޭނެއެވެ."

سُهيل ޖަވާބު ދެއްވިއެވެ. "ނަމަވެސް ދައްތައަށް ބޭބެއަށް ވިސްނައިދެއްވޭނެއެވެ. އަޅުގަނޑުމެން އެންމެންގެ ލާބައާއި ފައިދާ ބިނާވެގެންވަނީ ބޭބެ އަވަހަށް މިތަނުން ވަޑައިގަތުމުގެ މައްޗަށޭ ދައްތަ ވިދާޅުވެއްޖެނަމަ ބޭބެއަށް ވިސްނިވަޑައިގެންފާނެއެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ބިރުގަންނަނީ އަޅުގަނޑުމެން ހަމައެކަނި އަޅުގަނޑުމެންގެ ސަލާމަތާމެދު ފިކުރުބޮޑުވަނީކަމަށް ހީފުޅުކުރައްވަފާނެތީއެވެ."

އިރުކޮޅެއް ކޮށްލައިފައި سُهيل ގެ އަޑުފުޅު އިވުނެވެ. "ބޭބެ ދައްތައާމެދު ތިޔަކަހަލަގޮތަކަށް ހީފުޅެއް ނުކުރައްވާނެއެވެ. އެކަމަކު ބޭބެއަށް އެއްވެސްކަމެއް ވަންހަނާ ކުރައްވާކަށެއް ނުވާނެއެވެ. އިއްޔެ ހަވީރު ތޫރަޖުގެ މީހުން މިއަވަށަށް އައެއްނޫންތޯއެވެ؟ މިގޭގެ ނޯކަރުން ކުރެން ބޭބެގެ ޚަބަރު އެއްސެއްނޫންތޯއެވެ؟ ކަށަވަރެވެ. އެބައިމީހުން އަދިވެސް ކިތަންމެ ފަހަރަކު އަންނާނެއެވެ. ބޭބެ ވަޑައިގެންވީ މިތާނގައި ކަމާމެދު އެބައިމީހުންނަށް ކުޑަކޮށް ޝައްކުވެލިޔަސް ބިންގަރާހުން ބޭރަށް ނުކުމެވަޑައިގަންނަވާނެ ފުރުޞަތެއްވެސް ބޭބެއަށް ލިބިވަޑައިގެންނެވިޔަކަ ނުދޭނެއެވެ."

ماه بانو ވިދާޅުވިއެވެ. "އޭނާގެ ފުރާނަފުޅަށް ކުރިމަތިވެފައިވާ ނުރައްކަލަށް ކުޑަކޮށްނަމަވެސް ސަމާލުކަމެއް ދެއްވާނެނަމަ ހާދަ ރަނގަޅެވެ. ކަލާގެ ހާލުކޮޅު ރަނގަޅުނަމަ އޭނާ މިތަނުން ފިލައިވަޑައިގަންނަވަން އަޅުގަނޑު މަޖުބޫރު ކުރުވައިފީމުހެވެ. އޭރަކުން އަޅުގަނޑުމެންނާމެދު އޭނާ ހީފުޅުކުރައްވާނެ އެއްޗަކާމެދު އަޅުގަނޑު ފަރުވާލެއް ނުބަހައްޓާނަމެވެ." ބިންގަރާސް ކޮޓަރިޔަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އިރުކޮޅެއްފަހުން މަޑުމަޑު ގިސްލުމެއްގެ ތެރެއިން سُهيل ވިދާޅުވި އަޑުއިވުނެވެ. "އަޅުގަނޑު މަރުވާނެނަމަ ކިހައި ރަނގަޅުވީސްތޯއެވެ؟"

ماه بانو ވިދާޅުވިއެވެ. "ތިޔަހެން ވިދާޅުނުވާށެވެ. ކަލާގެ ޙަޔާތްޕުޅަކީ ކަލާގެ ބޭބެގެ އަރިހުގައި ހާދަ އަގުބޮޑު އެއްޗެކެވެ. އަޅުގަނޑުވެސް ދެކެނީ ތިޔައީ އަޅުގަނޑުގެ ކޮއްކޮއެއް ކަމުގައެވެ. އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރަން އަޅުގަނޑު ވަޢުދުވަމެވެ. އޭނާ އަދިވެސް ވަޑައެއް ނުގަނެއެވެ. އޭނާ މިހާގިނައިރު ބޭރުގައި އުޅުއްވާކަށެއްވެސް ރަނގަޅެއް ނޫނެވެ. އަޅުގަނޑު ނޯކަރަކު ފޮނުވައިގެން ޚަބަރު ބަލައިލާނަމެވެ."

حسّان އަވަސްއަވަހަށް ބިންގަރާހުގެ ދޮރުން އެތެރެޔަށް އިސްތަށިފުޅު ދިއްކޮށްލައްވައިފައި ވިދާޅުވިއެވެ. "ކަލާ ނޯކަރަކު ފޮނުއްވާނެކަމެއް ނެތެވެ. އަޅުގަނޑު އަތުވެއްޖައީމެވެ."

އޭރު ماه بانو ސިޑިއާ ހަމައަށް ވަޑައިގެންފިއެވެ. އޭނާ ހުއްޓިވަޑައިގެން حسّان އާ ދިމާއަށް ބައްލަވަން ފައްޓަވައިފިއެވެ. حسّان ބިންގަރާސް ކޮޓަރިއަށް ވެދެވަޑައިގެންފައި އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އޭނާ ވާފަށަށް ދަންމަވައި ބިންގަރާހުގެ ދޮރު ބަންދުކޮށްލައްވައިފައި ماه بانو އާ ދިމާއަށް ވިދާޅުވިއެވެ. "މިހާގިނަދުވަސް މިތާނގައި އަޅުގަނޑަށް ހުރެވުނު ގޮތަކާމެދު އަޅުގަނޑު ހައިރާންވަމެވެ. ދެންމެ އަޅުގަނޑު ބޭރަށް ނުކުތްތަނާ ބިންގަރާހާ މާދުރަށް ނުދާށޭ ނޯކަރަކު އަޅުގަނޑު ގާތު ބުންޏެވެ. އޭނާ ކަންބޮޑުވެފައިހުރީ ކީއްވެގެންކަމެއް އޭނާ އަޅުގަނޑުގެ ގާތަކު ނުބުންޏެވެ. ނަމަވެސް އޭނާގެ ވާހަކަ އިވުމުން އަޅުގަނޑަށް އިޙްސާސްވީ އަޅުގަނޑު މާގިނަދުވަހު މިތާނގައި ހުރުމީ ނުރައްކަލުން ހުސްވެގެންވާ ކަމެއް ނޫންކަމެވެ."

ماه بانو ކަންބޮޑުވެވަޑައިގެންފައިވާ ގޮތަކަށް حسّان އާ ދިމާއަށް ބައްލަވަން ހުންނެވިއެވެ. އިރުކޮޅެއްވަންދެން ބިންގަރާސް ކޮޓަރިޔަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. އެންމެފަހުން سُهيل ވިދާޅުވިއެވެ. "ބޭބެއެވެ! ނޯކަރުން ކަންބޮޑުވެގެން އުޅޭ ސަބަބު އަޅުގަނޑު ބޭބެގެ އަރިހުގައި ދަންނަވައިފާނަމެވެ. އިއްޔެ ހަވީރު ތޫރަޖުގެ މީހުން މިއަވަށަށް އައެވެ. ކަލާކޮށްޓަކައެވެ. ބޭބެ އަވަހަށް މިތަނުން ވަޑައިގަންނަވާށެވެ."

حسّان ماه بانو އާ ސުވާލުކުރެއްވިއެވެ. "ތޫރަޖުގެ މީހުން މިއަވަށަށް އައިކަމަށްވާނަމަ އެވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުނުވީ ކީއްވެތޯއެވެ؟"

ماه بانو ޖަވާބު ދެއްވިއެވެ. "އެބައިމީހުން ގޭތެރެއަށް ވަންނާން އުޅުނުނަމަ ކަލާއަށް ސަމާލުވެ ވަޑައިގަންނަވާން ދެންނެވީމުއެވެ. ނަމަވެސް އަޅުގަނޑުމެންގެ ނޯކަރުން އެބައިމީހުންގެ ހިތްހަމަޖައްސައިފައި ފޮނުވައިލައިފިއެވެ."

حسّان އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ماه بانو އާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާ ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑު މާދަންރޭ މިތަނުން ދަތުރު ފަށާނަމެވެ. މީގެ މާނައަކީ ކޮންމެހެން އަޅުގަނޑު މާދަންރެއާ ހަމަޔަށް މަޑުކުރަން ބޭނުންވަނީކީ ނޫނެވެ. ނުރައްކަލެއް ދިމާވެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް ކަލާއަށް ފެނިވަޑައިގަންނަވާނީ އަޅުގަނޑު މިގެއިން ދާން ތައްޔާރަށް ހުއްޓައެވެ."

ماه بانو ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ކަލާ ވަޑައިގަތަނުދީ އަޅުގަނޑަށް ހިފެހެއްޓޭކަހަލަ ގޮތަކަށް ކަންތައް ހަމަޖެހިފައި އޮތްނަމަ ހާދަ ރަނގަޅެވެ. މިފަދަ ވަގުތެއްގައި سُهيل އާ ވަކިވެވަޑައިގަތުމަކީ ކަލާއަށް ކިހައި އުނދަގޫފުޅުވާނެ ކަމެއްކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު ބުނާއެއްޗަކުން ކަލާއަށް އަޤީންކަމެއް ލިބިވަޑައިގަންނަވާނެ ކަމުގައިވާނަމަ އަޅުގަނޑު ވަޢުދުވަމެވެ. މިގޭގެ ފާރުތައް މިހުރިތަނުގައި ކޮޅަށް ހުއްޓައެއް ކަލާގެ ކޮއްކޯފުޅުގެ އެންމެ ލޯއްޔެއްވެސް އުންޏެއް ނުވާނެއެވެ."

+ + + + +

ރޭގަނޑުގެ ވަގުތެވެ. ماه بانو حسّان ގެ މުލައްދަނޑިފުޅުގައި ހިއްޕަވައި ތަޅުއްވައި حسّان އަވަހާރަފުޅުން ނަންގަވައިފިއެވެ. حسّان ކަންބޮޑުވެވަޑައިގަތުމާއެކު ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. އޭނާ ފުންމައިގެން ތެދުވެވަޑައިގެންފިއެވެ. ماه بانو ކަންބޮޑުވެވަޑައިގެންފައިވާ އަޑުފުޅަކުން މަޑުމަޑުން ވިދާޅުވިއެވެ. "އެބައިމީހުން އަތުވެއްޖެއެވެ. ބޭރުގައި ދޮރާށިދޮށުގައި އެބަތިއްބެވެ. ކަލާ އަވަހަށް ތައްޔާރުވެވަޑައިގަންނަވާށެވެ. ބައްޕާފުޅު ވަޑައިގެންވީ އެބައިމީހުން އައީ ކޮންބޭނުމެއްގައިތޯ ބައްލަވާށެވެ. ބައްޕާފުޅު ވަޑައިގަތީ ކަލާ ބިންގަރާސް މަގުން ބޭރަށް ގެންދާން އަޅުގަނޑުގާތު ވިދާޅުވެފައެވެ." ماه بانو އާ ދިމާއަށް ބައްލަވަން އިރުކޮޅަކު މަޑުން ހުންނެވުމަށްފަހު حسّان ވިދާޅުވިއެވެ. "މިގަޑީގައި އެބައިމީހުން އަތުވެއްޖެނަމަ އެމީހުންގެ ނިޔަތް ރަނގަޅެއް ނުވާނެއެވެ. އަޅުގަނޑުގެ ކަނޑި ކޮބައިތޯއެވެ؟"

ماه بانو ވިދާޅުވިއެވެ. "ކަލާގެ ހުރިހައި އެއްޗެހިކޮޅުތަކެއްވީ ބޭރުގައެވެ. ނޯކަރުގެ ޙަވާލުގައެވެ. ބައްޕާފުޅުވަނީ ކަލާއަށް ދަގަނޑު ތާކިހާކޮޅެއްވެސް ބޭރަށް ފޮނުއްވައިފައެވެ." حسّان އަވަސްއަވަހަށް އިސްޓާކީނު ލައްވައިގެން ބިންގަރާހުގެ ދޮރު ހުޅުއްވަން ފައްޓަވައިފިއެވެ. ماه بانو ބައްތި ނަންގަވައިފިއެވެ. ސިކުންތުކޮޅެއް ވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާއަށް ބައްލަވަން ތިއްބެވިއެވެ. އެއަށްފަހު ދެބޭފުޅުންނަށް އެއްފަހަރާ ބައްލަވައިލެއްވުނީ سُهيل އާ ދިމާއަށެވެ. سُهيل މަޑުމަޑުން ނިދިނޭވާފުޅު ލައްވަމުން ގެންދަވައެވެ. ماه بانو ގެ ލޯފުޅު ކަރުނަފޮދުން ފުރިގެން ދިއުމާއެކު ވިދާޅުވިއެވެ. "އޭނާ ހޭލައްވަންތޯއެވެ؟"

"ނޫނެކެވެ. حسّان މިހެން ވިދާޅުވެފައި ވަޑައިގެން سُهيل ގެ ނިތްކުރިފުޅުގައި ބޮސްދެއްވުމަށްފަހު ތެދުވެވަޑައިގެން ماه بانو ގެ އަތްޕުޅުން ބައްތި އަތުލައްވައިފިއެވެ. އޭނާ ބިންގަރާހަށް ވެދެވަޑައިގެންފިއެވެ. ماه بانو حسّان ގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ. ތަންކޮޅަކަށް ވަޑައިގަތުމަށްފަހު حسّان ފަހަތް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާ އަޅުގަނޑާއެކު ވަޑައިނުގަތަކަސް އެންމެ ރަނގަޅެވެ. ކަލާ ދެން ވަޑައިގަންނަވާށެވެ. ބިންގަރާހުގެ ދޮރު ބަންދުކުރައްވާށެވެ. سُهيل ހޭލުމުން އޭނާގެ ހިތްހަމަޖައްސަވައިދެއްވޭތޯ ބައްލަވާށެވެ."

(ނުނިމޭ)