ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންނާއި ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި މި ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ އެވެ. އެ ހަފުލާގައި ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އާކް އަށް ބޭންކާއި ބޭންކުގެ މުވައްޒަފުންގެ ފަރާތުން މިއަދު 60،000 ރުފިޔާ ހަދިޔާކޮށްފައިވާއިރު، އެ އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖައްސާފައި ވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކަމަށް އެފަރާތާ ހަވާލާދީ ބީއެމްއެލުން ބުންޏެވެ.

"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މި އަހަރު ބީއެމްއެލް އިން ވަނީ ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށް ގެންދިޔަ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައި ކަމަށާއި، އެގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބޭއްވި 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމުލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައި ކަމަށް ބޭންކުން ބުންޏެވެ.

އާކް އަކީ މިިދޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.