ޚަބަރު

މިއަހަރުގެ އިންސާނީ ތަރައްގީގެ ރިޕޯޓު އިފްތިތާހުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޕްލޭނިން މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަން ޑިވޮލޮޕްމެންޓް ޕްރޮގުރާމް (ޔޫއެންޑިޕީ) މޯލްޑިވްސް ގުޅިގެން ތައްޔާރުކޮށްފައިވާ މިއަހަރުގެ އިންސާނީ ތަރައްގީގެ ރިޕޯޓު އިފްތިތާހުކޮށްފިއެވެ.

ހިއުމަން ޑިވޮލޮޕްމެންޓް ރިޕޯޓު (އެޗްޑީއާރު) ލޯންޗުކޮށްދެއްވީ މިއަދު ގައުމީ ޔުނިވާސިޓީގައި މިކަމަށް އޮތް ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

މިއަހަރުގެ އިންސާނީ ތަރައްގީގެ ރިޕޯޓުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ރާއްޖޭގެ ހަމަހަމަކަމަށެވެ.

މިރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫއެންގެ ޑިވޮލޮޕްމެންޓް ޕްރޮގުރާމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރިޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ތަކުގައި އިންސާނީ ތަރައްގީގެ ގޮތުން ރާއްޖެ ވަނީ ކުރިއަރާފައި ކަމަށެވެ. އެގޮތުން 1995 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 30 އިންސައްތަ އިންސާނީ ތަރައްގީގެ ގޮތުން ކުރިއެރުން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އިންސާނީ ތަރައްގީއަށް ބަލާއިރު ރާއްޖެ އޮތީ 189 ގައުމުގެ ތެރެއިން 104 ލިސްޓުގެ ވަނައިގައެވެ.

ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ 70 އަހަރަށް މަތިވެފައިވާކަމަށާއި، އެވަރެޖް އިޔާ އޮފް ސުކޫލިން ތިން އަހަރަށް އިތުރުވެފައިވާ ކަން ފާހަގަކުރައްވައި އަކީކޯ ވިދާޅުވީ ބޮލަކަށް ޖެހޭ އާމްދަނީވެސް ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އާމްދަނީ ބެހުމުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ހަމަހަމަކަމަށް ބަލާއިރު، ރާއްޖޭގެ އިންސާނީ ތަރައްގީގެ އިންޑެކްސް 20 އިންސައްތައަށް ދަށަށް ވެއްޓިފައިވާ ކަމަށް އަކީކޯ ވިދާޅުވިއެވެ.

މިއަހަރުގެ ރިޕޯޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރަހައްދީ ގައުމުތަކަށް ބަލާއިރު ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް ރާއްޖޭގައި މަތި ނަމަވެސް ރާއްޖޭގައި ހަމަހަމަކަން ނެތް ކަމަށެވެ.

އެގޮތުން، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މުޖްތަމައުގައި އަންހެނުންނަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ ތައުލީމީ ގޮތުން ބަލާއިރު އަހަރެއްގެ މައްޗަށް ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންވެސް ތައުލީމު ހާސިލު ކުރާ ކަމަށާއި ނަަމަވެސް އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ދަތިތަށް ހުރުން ކަމަށެވެ.

މިިނިސްޓަރުގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ފާސްކުރި ބިލަށް ވަނީ ތާއިދުކުރައްވާފައެވެ.