ޚަބަރު

މޫސުމާބެހޭ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރު ސްޕެއިންއަށް ފުރާވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ޔުނައިޓެޑް ނޭޝަންސް ގެ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް25 ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ރޭ ސްޕެއިންގެ މެޑްރިޑަށް ފުރާވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހުން، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މެޑްރިޑްގައި ކުރިއަށްދާ މި ކޮންފަރެންސްގައި މިނިސްޓަރ ގެ އިތުރުން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ކުޑަ، ޖަޒީރާ ޤައުމަކަށްވުމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ހުރިކަމާއި އޭގެ މުހިއްމުކަން ހާމަކޮށް ޖައްވަށް ބޭރުވާ ވިހަގަސް ބޭރުންކުރުން މަދުކުރުމަށް ބޭރު ޤައުމުތަކުން އެއްބާރުލުން ހޯދުމަށް ގޮވާލާނެ ކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ މޫސުމާއިބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ގައުމަކުން ޖުމްލަ 25000 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.