ކޮންމެ އަހަރަކު ގާތްގަނޑަކަށް 50 މިލިއަން ޓަނަށްވުރެ ގިނަ އަނބު ދުނިޔޭގެ އެކިކަންކޮޅުތަކުން ހައްދައި ބާޒާރަށް ނެރޭއިރު، އަނބުގެ ތޮށި ގިނަ ފަހަރު ވެފައިވަނީ ބޭކާރު އެއްޗަކަށެވެ. ނަމަވެސް ތޮށީގެ ބޭނުން ހިފިދާނެ ގޮތެއް މިވަނީ ހޯދައިފައެވެ.
މެކްސިކޯ ސިޓީގައި ބޭއްވި ޔުނިވާސިޓީ ފެއާ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަނަށް މެކްސިކޯގެ ދެ ޔުނިވާސިޓީއެއްގެ ދަރިވަރުން ވަނީ، އަނބުގެ ތޮށި ބޭނުން ކޮށްގެން ބަޔޯޑީގުރޭޑަބަލް ހޮޅިއެއް އުފައްދައިފައެވެ. އެ ފެއާގެ އެއްވަނައަށް ވެސް ހޮވުނީ އެ އުފެއްދުމެވެ.
ހޮޅި އުފެއްދި އިޓްޒެލް ޕެނިއާގުއާ އަދި އެލޮންޑްރާ މޮންޓްސެރާތު ލޮޕޭޒް ބުނި ގޮތުގައި، އެމީހުންނަށް އެފަދަ ވިސްނުމެއް އައީ ތިމާވެށި ހިމާޔަތް ކުރުމަށާއި ޕުލާސްޓިކުން ދުނިޔޭގެ އެކޯސިސްޓަމަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް އެމީހުން ބޭނުންވާތީ ކަމަށެެވެ.
އެގޮތުން އެ ހޮޅި އުފައްދާނެ ގޮތެއް ހޯދުމަށް ނޭޝަނަލް އެންޓޮނޯމަސް ޔުނިވާސިޓީ އޮފް މެކްސިކޯގައި ކިޔަވަމުން އަންނަ އެ ދެ ދަރިވަރުން އަހަރަކަށްވުރެ ގިނަ ދުވަސް ކޮލެޖް އޮފް ސައިންސް އެންޑް ހިއުމޭނިޓީސްގައި ހޭދަކުރިއެވެ.
"މިއީ ހަމަ އާދައިގެ ހޮޅިއެއް. ތަފާތަކީ ތަންކޮޅެއް ބޯވެފައި ހޮޅީގެ ކުލަ ރީނދުލަކާއި ޗޮކްލެޓް ކުލައެއްގައި ހުންނަކަން. ހޮޅިން ދުވާނީ އަނބުގައި ދުވާ ވަސް، ނަމަވެސް ހޮޅިން އެއްޗެއްހި ބޯއިރު އެ ރަހައެއް ނުހުންނާނެ،" ހޮޅި އުފެއްދި އެއް ދަރިވަރު، އެލޮންޑްރާ ބުންޏެވެ.
އޭނާ ބުނީ، އެ ހޮޅި އުފެއްދުމަށް ގިނަ ދިރާސާތަކާއި ޓެސްޓުތަކެއް ހަދައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެންމެ ފަހުން ކާމިޔާބުވި ކަމަށެވެ. އަދި އެމީހުންގެ ޕްރޮޖެކްޓުން ފައިދާ ހޯދާނެ ގޮތެއް ހޯދެންދެން ޔުނިވާސިޓީން އެމީހުންނަށް އެއްބާރުލުން ލިބުން އެދޭ ކަމަށް ބުންޏެވެ.
ގުދުރަތީ ގޮތުން ނެތިދިއުމަށް އެތައް އަހަރެއް ނަގާ ޕުލާސްޓިކް ކުންޏާއި ހޮޅިއަކީ ތިމާވެއްޓަށް އެންމެ ނުރައްކާ ކުރާ އެކައްޗެވެ. އެގޮތުން ވެލަ އާއި އެހެނިހެން ކަނޑުގެ ދިރުންތައް އެއީ އެސޮރުމެންގެ ކާނާ ކަމަށް ހިތައި، ޕުލާސްޓިކް ހޮޅިއާއި ކޮތަޅު ކައިގެން މަރުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.