ޚަބަރު

ސާވިސް ޗާޖުގެ ގޮތުގައި ވެލާގެ ކޮންމެ މުވައްޒަފަކަށް 20،497 ރުފިޔާ، ރަންދެލިން 17،671 ރުފިޔާ

1

މިދިޔަ ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދިން ދެ ރިސޯޓަށް ޝެވަލް ބްލޮންކް ރަންދެލި އަދި ވެލާ ޕްރައިވެޓް އައިލެންޑް ހޮވިއްޖެއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު ހާމަކުރާ މޯލްޑިވްސްއެސްސީ.ކޮމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ އިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1329.31 އެމެރިކާ ޑޮލަރު (20497.96 ދިވެހި ރުފިޔާ) ދީފައިވެއެވެ.

އޮކްޓޯބަރު މަހު އެ ރިސޯޓުން ސާވިޖް ޗާޖުގެ ގޮތުގައި ދީފައިވަނީ 916.03 އެމެރިކާ ޑޮލަރެވެ. އެއީ 14،125.18 ރުފިޔާއެވެ.

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދީފައިވަނީ އޮކްޓޯބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން، ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 1146 އެމެރިކާ ޑޮލަރު (17671.32 ދިވެހި ރުފިޔާ) ދީފައިވެއެވެ.

ނޮވެމްބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން، ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވަންއެންޑްއޮންލީ ރީތި ރަށް ރިސޯޓެވެ. އެ ރިސޯޓުން މުވައްޒަފަކަށް 922 އެމެރިކާ ޑޮލަރު (14217.24 ދިވެހި ރުފިޔާ) ދީފައިވާއިރު ހަތަރު ވަނަ އަށް އެންމެ ސާވިސް ޗާޖެއް ދިން އަންނތަރާ ކިހަވަށް ވިލާސް އިން ކޮންމެ މުވައްޒަފަކަށް 817.11 އެމެރިކާ ޑޮލަރު (12599.84 ދިވެހި ރުފިޔާ) ދީފައިވެއެވެ.

ލިސްޓުގެ ފަސް ވަނައިގައި ހިމެނުނީ ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 789.81 އެމެރިކާ ޑޮލަރު ދީފައިވެއެވެ. އެއީ 12178.87 ދިވެހި ރުފިޔާއެވެ.

މޯލްޑިވްސްއެސްސީ.ކޮމްގެ ލިސްޓުގައި 150 ރިސޯޓެއް ހިމަނާފައިވީ ނަމަވެސް ސާވިސްޗާޖުގެ މައުލޫމާތު ހިމަނާފައިވަނީ އެންމެ 65 ރިސޯޓުގެއެވެ. އެ ލިސްޓުގައި ބުނާ ގޮތުން، މިދިޔަ މަހު އެންމެ ކުޑަ ސާވިސް ޗާޖެއް ދީފައިވަނީ އައްޑޫ ސިޓީގައި ހިންގާ އީކުއޭޓާ ވިލޭޖުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހު ދީފައިވަނީ 70 ޑޮލަރު (1079.40 ދިވެހި ރުފިޔާ)އެވެ.