ސައުތު އޭޝިއަން ގޭމްސް

ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު ފުރަތަމަ ފަހަރަށް ސައުތު އޭޝިއަން ގޭމްސްގެ ސެމީއަށް

ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނޭޕާލުގައި މިހާރު ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެ ސެމީން ރާއްޖެ ޖާގަ ހޯދީ މިއަދު ކުޅުނު ގްރޫޕު ސްޓޭޖު މެޗުގައި ސްރީލަންކާ ބަލިކޮށްގެންނެވެ. އެ މެޗުން ރާއްޖެ މޮޅުވީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ.

އެ މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 18-9 ޕޮއިންޓުން ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ 28-25 ޕޮއިންޓުން ކުރީގައި އޮވެގެން ނިންމާލި އިރު، ރާއްޖެއިން ތިންވަނަ ކުއާޓާ ނިންމާލީ 50-44 ޕޮއިންޓުންނެވެ. އަދި ފަހު ކުއާޓާ ރާއްޖެއިން ނިންމާލީ 69-64 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

ގްރޫޕުގައި ލަންކާ މެޗުގެ ކުރިން ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އިންޑިއާއާ ދެކޮޅަށް ކުޅުނު އެ މެޗުން އިންޑިއާ މޮޅުވީ ފަސޭހަކަމާއެކު 156-33 ޕޮއިންޓުންނެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދީ އިންޑިއާ އިންނެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 136-50 ޕޮއިންޓުން ލަންކާ ބަލިކޮށްފައެވެ. ރާއްޖެއިން ސެމީގެ ޖާގައެއް ހޯދީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ.

އަންހެން ބާސްކެޓްބޯޅަ އިވެންޓުގެ އަނެއް ގްރޫޕުގައި ވާދަކުރަނީ ނޭޕާލާއި ބޫޓާން އަދި ބަންގުލަދޭޝްއެވެ. އެ ގްރޫޕުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ނޭޕާލާއި ބާޓާނެވެ.

ރާއްޖެއިން ސެމީގެ މެޗަށް ނުކުންނަން ޖެހޭނީ މާދަމާއެވެ.