ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މ. ގުލްފާމްގެ، އަހުމަދު މުއުތަސިމް އަދުނާން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލު ހުސެއިން ޝަމީމު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު އައްޔަން ކުރައްވައިފިއެވެ.
މި ތިން ބޭފުޅުން މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ތިން ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި މުއުތަސިމް މީގެ ކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރައްވައިފައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ.
ޕީޖީކަމުގެ މަގާމު ހުސްވުމުން މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަމީމާއެކު ތިން ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ. ނަމަވެސް އެބޭފުޅުންގެ ތެރެއިން ޕީޖީ ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމުގެ ނަމެވެ.
އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބަންޑާރަ ނައިބުކަން ކުރިން ކުރެއްވި ހުސްނުއްސޫދު މިއަދު އައްޔަންކުރައްވާފައިވާއިރު، އޭނާ އެންމެ ފަހުން ހުންނެވީ ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައެވެ. ނަމަވެސް އެ މަގާމުން އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވައިފައެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަން އެއްކުރި އެންމެ ފަހުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނި ވަޑައިގެން މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓު ކުރުމުގައި ކަމާބެހޭ ކޮމިޓީގައި ސުއޫދު ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ. މީގެ އިތުރުން ވެސް ސުއޫދު ވަނީ ގާނޫނީ ދާއިރާގައި ގިިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަމާއި އެޗްއާރުސީއެމްގެ މެންބަރުކަން ހިމެނެއެވެ.