ލައިފް ސްޓައިލް

120000 ޑޮލަރަށް ވިކުނު ދޮންކެޔޮވައް، ޑިސްޕްލޭގައި ހުއްޓައި ކާލައިފި

އާޓް ބަސެލް މިއާމީ ބީޗް މިޔުޒިމްގައި 120000 ޑޮލަރަށް ވިކުނު ދޮންކެޔޮވައް، ޕާފޯމަންސް އާޓިސްޓަކު ކާލައިފި އެވެ.

ޑޭވިޑް ޑަޓުނަ ނަމަކަށް ކިޔާ މި އާޓިސްޓް ވަނީ މިޔުޒިއަމްގެ ފާރުގައި ދޮންކެޔޮވައް ޓޭޕް އަޅައި، ޑިސްޕްލޭކޮށްފައި ހުއްޓާ ގޮސް ޓޭޕް ނެއްޓުމަށްފަހު އެންމެންގެ ކުރިމަތީ އެ ދޮންކެޔޮވައް ކާލާފައެވެ. އެ މަންޒަރު ބަލަންތިބި އެންމެން ތިބީ ޝޮކެއްގައެވެ.

ޑޭވިޑް ވަނީ އެ ދޮންކެޔޮވައް ކާންހުރި ވީޑިއޯ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އޭގެ ކެޕްޝަނުގައި އޭނާ ބުނެފައި ވަނީ އާޓިސްޓް މައުރިޒިއޯ ކަޓެލަން ގެ ހުރިހާ މަސައްކަތަކަށް ވެސް އޭނާ ވަރަށް ލޯބި ކުރާ ކަމަށެވެ. އަދި މި ހުށަހެޅުން ވަރަށް ކަމުދާ ކަމަށާއި ދޮންކެޔޮވައް ވަރަށް މީރުކަމުގައި ވެސް ކެޕްޝަނުގައި ބުނެފައި ވެއެވެ. އޭނާ އަމިއްލައަށް އެ ޕާފޯމަންސަށް "ހަންގްރީ އާޓިސްޓް" ގެ ނަންވެސް ވަނީ ދީފައެވެ.

ދޮންކެޔޮ އާޓް މަސައްކަތަކީ އާޓިސްޓެއް ކަމަށްވާ މައުރިޒިއޯ ކަޓެލަން ބުދަ ދުވަހު ޕެރިސްގައިވާ ކޮންޓެމްޕަރަރީ އާޓް ގެލަރީއަކަށް ހުށަހަޅާފައިވާ މަސައްކަތެކެވެ. މިއީ 15 އަހަރު ތެރޭގައި މައުރިޒިއޯ މައުރަޒަކަށް އޭނާ ތައްޔާރުކޮށްފައިވާ އާޓެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

"ކޮމީޑިއަން" ގެ ނަން ދީފައިވާ މި އާޓް ޕީސްއަކީ މިއާމީގެ ގްރޮސަރީ ސްޓޯރަކުން އޭނާ ގަނެފައިވާ ދޮންކެޔޮތަކަކުން ތައްޔާރު ކުރި އެއްޗެކެވެ.

ޑޭވިޑް އެ ދޮންކެޔޮވައް ކެއުމުން އެކަން ވަނީ ކޮންޓްރޮވާސީ އަކަށް ވެފައެވެ. އެއް ބަޔަކު ބުނާ ގޮތުގައި ދޮންކެޔޮވަކުގައި ޓޭޕް އެޅުމުން އާޓަކަށް ވާނަމަ ޕާފޯމަންސް އާޓިސްޓަކު އެ ދޮންކެޔޮވައް ކެއުންވެސް އާޓަކަށް ވެދާނެ ކަމަށެވެ.

އަނެއްބަޔަކު ބުނާގޮތުގައި އަދިވެސް 120000 ޑޮލަރުގެ ދޮންކެޔޮ އާޓް ޕީސްގެ ވެރިޔަކީ މައުރިޒިއޯ ކަމުން އޭނާއަށް އެހެން ދޮންކެޔޮވަކެއް އެގޮތަށް ބެހެއްޓުމުން އެއާޓް ފުރިހަމަ ވެގެން ދާނެ އެވެ.

ބައެއް ރިޕޯޓުތަކުގައި މި ކަމާ ގުޅިގެން ޑޭވިޑު ޖަލަށް ގެންދިޔަ ކަމަށް ބުނެފައިވީ ނަމަވެސް، މިކަމާ ގުޅިގެން އޭނާއަށް އެއްވެސް ހުކުމެއް އަދި އޭނާގެ އެއްވެސް މައްސަލައެއްވެސް ރަސްމީކޮށް އަދި ހުށަހެޅިފައި ނުވާކަމަށް ވެއެވެ. ނަމަވެސް މިޔުޒިއަމްގެ ފަރާތުން ޝަކުވާ ހުށަހަޅާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެ ދޮންކެޔޮވަކުގެ ބަދަލުގައި އެހެން ދޮންކެޔޮވަކެއް މިޔުޒިއަމްގައި މިހާރުވަނީ ބަހައްޓާފައެވެ.