ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވަ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 11 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ އަމުރަކަށާއި އެކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަަށްދާ 18 މައްސަލައެއްގެ އިތުރުން، އުމުރުން ހަ މަހާއި 13 އަހަރާ ދެމެދުގެ 11 ކުއްޖެއްގެ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެކެވެ. އަދި އެ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމައުން ނުވަތަ އާއިލާއިން އިހުމާލުވާ ހާލަތުގައި، އެކުދީންނަށް ހާއްސަ ރައްކާތެރިކަމާއި، އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ދައުލަތަށް ލާޒިމް ކަމެއް ކަމަށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވެއެވެ.
އޭޖީ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އެއް އަހަރުން ދަރުގެ ތިން ކުދިންނާއި، އެއް އަހަރާއި ދެއަހަރާ ދެމެދުގެ ހަތަރު ކުދިންނާއި، ދެއަހަރާ ފަސްއަހަރާ ދެމެދުގެ ތިން ކުދިންގެ އިތުރުން 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ.
އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ހަވާލުވުމަށް އިންކާރުކޮށްފައި ވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ އެކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެ 11 ކުދިންގެ މައިންބަފައިންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި ޖެންޑާ މިނިސްޓްރީން ބުންޏެވެ.