ބިދޭސީންގެ މައްސަލަތައް

ބިދޭސީންގެ ޑޮކިޔުމަންޓުތައް ރަނގަޅު ކުރަން ފަސް ތަނަކަށް އަންގައިފި

އާނިފާ ހުސެއިން ސިރާޖް

ހުޅުމާލާގައި ހިންގާ 12 ރެސްޓޯރެންޓު، ކެފޭ އަދި ފިހާރައެއް އިންސްޕެކްޓްކޮށް، އޭގެ ތެރެއިން ފަސްތަނަކަށް ބިދޭސީންނާ ގުޅޭ ލިޔެކިޔުންތައް ރަނގަޅުކުރުމަށް އިމިގުރޭޝަނުން އަންގައިފިއެވެ.

އިމިގުރޭޝަނުން ބުނީ ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓު އަދި ފިހާރަތައް އިންސްޕެކްޓު ކުރުމަށް ހިިންގި އޮޕަރޭޝަނުގައި ޖުމުލަ 12 ތަނެއް ބަލައި ފާސްކޮށްފައި ވާކަމަށާއި އަދި އެތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 37 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮފަރޭޝަނުގައި، އެއްވެސް މީހަކު އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ގަަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް ސަރުކާރުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެ ފުރުސަތުގެ ދަށުން އެތައް ހާސް ބިދޭސިންނެއް އަންނަނީ ރަޖިސްޓްރީ ވަމުންނެވެ. ރާއްޖޭގައި ފިލައިގެން އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގައުމުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބިދޭސީން ރާއްޖެއަށް ނުގެނެވޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.