ޕޮލިސް

ފޯނުން ވާހަކަ ދައްކަމުން ބަސް ދުއްވި ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި

މަރިޔަމް ޝަހުދާ

ފޯނުން ވާހަކަ ދައްކަމުން ހައިވޭގައި ބަސް ދުއްވި އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާއި ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އެ ވީޑިއޯގައި ފެންނަ ބަސް ޑްރައިވަރު ޓްރެފިކް ޕޮލިހަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ. އަދި ފޯނުން ވާހަކަ ދައްކަމުން ބަސް ދުއްވި މައްސަލައިގައި މިހާރު އޭނާގެ ލައިސަންސް ހިފަހައްޓާފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްދީ އިންޒާރު ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި، ހުޅުލެއިން ހުޅުމާލެއަށް ބަސް ދަތުރުކުރާތަން ފެނެއެވެ. ހައިވޭއާ ދިމާލު ލައިޓުގައި ބަސް މަޑުކޮށްފައި އޮންނައިރު، ފޯނު ނަގައި ބަސް ޑްރައިވަރު މީހަކަށް ގުޅާ މަންޒަރު މި ވީޑިއޯ އިން ފެނެއެވެ. އަދި ފެހި ލައިޓް ދިއްލުމުން ފޯނު ނުބާއްވައި، އެއް އަތުން ފޯނު ހިފައިގެން ބަސް ދުއްވާ މަންޒަރު ވެސް މި ވީޑިއޯ އިން ފެނެއެވެ.

މި ވީޑިއޯ އާންމު ކުރި މީހާ ބުނި ގޮތުގައި ޑްރައިވަރު ފުރަތަމަ އިނީ ނިދާފައެވެ. އަދި ބަހުގައި ޓިކެޓު ވިއްކާ މީހާ ކޮށްޓާލުމުން އޭނާ ހޭލީ ކަމަށް އެ މީހާ ބުނެއެވެ.

އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި، ދާދި ފަހުން ވަނީ 13 އަހަރުގެ ކުއްޖަކު މަރުވެފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.