ބޯހިޔާވަހިކަން

ފުވައްމުލަކުން ފްލެޓް ލިބުނު މީހުން ފްލެޓްތަކުގައި ދިރިއުޅެން ފަށައިފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފިއެވެ.

މިކަމާ ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރު ހަމަދު އަބްދުﷲ ވިދާޅުވީ މީގެ ދެމަސް ކުރިން ފެށިގެން ބައެއް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ. ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައި ވަނީ އޮކްޓޫބަރު 30ގައެވެ.

އޭގެ ފަހުން ފްލްޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު އަދިވެސް ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް އެބަތިބި ކަމަށް ހަމަދު ވިދާޅުވިއެވެ. ހަމަދު ވިދާޅުވީ އެކިއެކި ސަބަބުތަކާހުރެ ފްލެޓް އަދި ހަވާލު ނުކުރެވި ތިބި ފަރާތްތަކުންވެސް ކައުންސިލަށް އައިސް އެއްބަސް ވުމުގައި ސޮއިކުރުމަށްފަހު ފްލެޓުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.

މީގެ އިތުރުން އަދިވެސް ބައެއް ފްލެޓްތައް އެބަ ހުރިކަމަށާއި، މިހާރުވެސް ބައެއް ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާނެ ކަމަށް ހަމަދު ފާހަފަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ފްލެޓްތަކަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން 20 ވަރަކަށް ފްލެޓަށް މިމަހުތެރޭ އިއުލާނު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި 200 ފްލެޓް އިމާރާތްކޮށްފައި ވެއެވެ. ސެޕްޓެމްބަރު 11 ގައި އާންމު ކުރި ފްލްޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުން ފްލެޓް ލިބިފައި ވަނީ ޖުމުލަ 153 ފަރާތަކަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ހާއްސަކުރި 150 ފްލެޓްގެ ތެރެއިން 138 ފްލެޓާއި، އެ ސިޓީއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 20 ފްލެޓުގެ ތެރެއިން 15 ފްލެޓެވެ.