އިނގެރޭސިވިލާތުގެ ލަންޑަންގައި ރޭ ކުޅެވުނު ބައިނަލް އަޤުވާމީ އެކުވެރިކަމުގެ މެޗުގައި ވަރުގަދަ ބްރެޒިލް އިން ވާދަވެރި އުރުގުއޭ ބަލިކޮށްފިއެވެ. މިއީ އުރުގުއޭ އަތުން ބަލިނުވެ ބްރެޒިލް ހަމަކުރި ދިހަ ވަނަ މެޗެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބްރެޒިލް އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމަ އެކަނި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ނޭމާ ޖޫނިއާ އެވެ. ނޭމާ ވަނީ މި ސީޒަންގައި ފްރާންސްގެ ޕީއެސްޖީ އަށް އޭނަ ކުޅެދިން 16 މެޗުގައި 13 ގޯލު ކާމިޔާބުކޮށްފައެވެ.
އުރުގުއޭގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާ އުފެއްދީ ބްރެޒިލުންނެވެ. އުރުގުއޭއަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ ބާސެލޯނާއަށް ކުޅޭ ލުއިސް ސުއަރޭޒް އަށެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ.
އަންނަ އަންގާރަ ދުވަހު ބްރެޒިލް ދެން ނިކުންނާނީ ކެމަރޫން އާއި ދެކޮޅަށެވެ. އަދި އުރުގުއޭ ނިކުންނާނީ ރޭ ނެދަލެންޑްސް އަތުން ބަލިވި ފްރާންސްއާއި ދެކޮޅަށެވެ.
ރޭގެ މި މޮޅަކީ އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާއަށް ތައްޔާރުވަމުން އަންނަ ބްރެޒިލް އަށް ލިބުނު ރަނގަޅު މޮޅެއްކަމަށް އެޓީމުގެ ކޯޗު ޓީޓޭ ވަނީ ބުނެފައެވެ.