ސައުތު އޭޝިއަން ގޭމްސް

ނޭޕާލް އަތުން ބަލިވެ، ރާއްޖޭގެ އުންމީދުތަކަށް ނިމުމެއް

ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލު އަތުން ބަލިވެ، ފުޓުބޯޅައިން ރަން މެޑަލް ހޯދުމަށް ރާއްޖެއިން ކުރަމުންދިޔަ އުންމީދަށް ނިމުމެއް އަތުވެއްޖެއެވެ.

ގޭމްސްގައި ރާއްޖެއަށް ފުޓުބޯޅަ އިން ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1991 ވަނަ އަހަރު ރިހި މެޑަލް ހޯދުމެވެ. އެ ކާމިޔާބީގެ ކުރިން 1984ގައި ރާއްޖެއިން ލޯ މެޑަލް ހޯދި އިރު، 2010ގައި ވެސް ރާއްޖެއަށް ހޯދުނީ ލޯ މެޑަލްއެވެ.

ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗަކީ ރާއްޖޭގެ ފަހު މެޗެވެ. އެ މެޗުގައި ރާއްޖެ އިން ލީޑު ހޯދާފައިވަނިކޮށް، ނޭޕާލުން މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 18 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަބީޝެކް ރިޖާލް ވަނީ ނޭޕާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ނޭޕާލުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނަންތާ ތަމަންގެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ ގޭމްސް ރާއްޖެއިން ނިންމާލީ ދެ ޕޮއިންޓާއެކު ލީގުގެ ފުލުގައި އޮވެގެންނެވެ. ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ. ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، ނޭޕާލްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން ގޭމްސްގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމުނު ނަމަވެސް، ދެން ހިމެނޭ ހަތަރު ޓީމަށް އަދި އެއް މެޗު އޮންނާނެއެވެ. ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ނޭޕާލަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެވަނައިގައި އޮތް ބޫޓާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ބަންގުލަދޭޝްއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ސްރީލަންކާ އާއި ފުލުގައި އޮތް ރާއްޖެ، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ލަންކާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ފުޓުބޯޅަ އިވެންޓުގެ ލޯ މެޑަލް ލިބޭނީ ތިންވަނަ ހޯދާ ޓީމަށެވެ. ރަން މެޑަލް އާއި ރިހި މެޑަލް ހޯދާ ޓީމު ކަށަވަރުވާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމު ކުޅޭ ފައިނަލް މެޗަށްފަހުއެވެ.